ދިވެހިރާއްޖޭގެ އިގްތިސާދު އަޑި ނޭނގޭ ފުންމިނަށް ވައްޓާލި 5 އަހަރުގެ މިނިސްޓަރަކު މި ސަރުކާރަށް ފާޑުކިޔުން ލަދުވެތިކަމަށް ވިދާޅުވެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، އެމްޑީޕީގެ ޗެއާޕާސަން އަދި އެމްޑީޕީ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ފައްޔާޒު އިސްމާއިލް އަށް ރައްދު ދެއްވައިފިއެވެ.

ބީއެމްލްއަށް 42 އަހަރު ހިދުމަތް ކުރެއްވި އެ ބޭންކުގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ބޯޑު މެންބަރުކަމުގެ މަގާމުން ވަކިކުރެއްވުމާ ގުޅިގެން ފައްޔާޒު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އޭނާ ކުރެއްވި ޕޯސްޓުގައި ވަނީ މާލީ ނިޒާމުގެ ނަޒާހަތްތެރި ކަމަށްޓަކައި، ބީއެމްއެލްއަށް ނާޖާއިޒު ނުފޫޒު ފޯރުވުން ސަރުކާރުން ވަގުތުން ހުއްޓާލަންޖެހޭ ކަމަށެވެ. މީގެ އިތުރުން ފައްޔާޒު ވިދާޅުވީ ބީއެމްއެލް އަކީ ނިޒާމީ ބޭންކަކަށް ވުމާއި، އިގްތިސާދުގެ މުހިންމު ބައެއްގެ ގޮތުގައި އޮތުމުން، މިނިވަން ކަމާއެކު ބޭންކް ހިންގޭނެ ފަރާތަކަށް ވުމަކީ މުހިންމު ކަމެއް ކަމަށެވެ.

"ވަކިން ހާއްސަކޮށް އައިޝަތު ނޫރައްދީން ފަދަ ތަޖުރިބާކާރު ބޭންކަރަކު ބޭންކުގެ ބޯޑުން ވަކިކުރުމަކީ ގައުމު އިގްތިސާދީ ދަތިކަމުގެ މަގުމަތީގައި އޮތްއިރު މޮޔަކަމެއް. މިކަމުގެ ސަބަބުން ބައިނަލްއަގްވާމީ މުޖުތަމައުގެ ތެރޭގައި އަޅުގަނޑުމެންގެ މާލީ ނިޒާމާމެދު ނޭދެވޭ ސައްވުރެއް އުފެދިގެންދާނެކަން ޔަގީން. އަޅުގަނޑަށް ވިސްނޭ ގޮތުގައި އަޅުގަނޑުމެންނަށް އޮތީ އެންމެ ކޮރަސްޕޮންޑެންސް ބޭންކެއް އަދި މިކަމުގެ ސަބަބުން އެކަންވެސް ނުރައްކަލުގެ ތެރެއަށް ވެއްޓިދާނެ." ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒުގެ މި ވާހަކައަށް ރައްދު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ 100 އަހަރާއި ނުބައްދަލު ދަރަނި ނަގައި، އަޑި ނޭނގޭ ފުންމިނަށް އިގްތިސާދު ވައްޓައިލި 5 އަހަރުގެ މިނިސްޓަރު މިވާހަކަ ދެއްކުން ލަދުވެތިކަމަށެވެ. އަދި މުޅިނިޒާމް އެފުށް މިފުށަށް ޖަހައި، ގައުމުގެ މާލިއްޔަތު އަނދަވަޅަކަށް ވައްޓައިލީ އެމްޑީޕީންކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ ވަކި މީހަކަށްވުރެ ގައުމުގެ މަސްލަހަތު މާ މުހިއްމު ކަމަށެވެ.