އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ގައި ދިވެހި ގައުމީ ފިރިހެން ޓީމާއި އަންހެން ޓީމް ހޯދި ކާމިޔާބީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާއާއި ތަހުނިޔާ ދަންނަވައިފިއެވެ.

ދިވެހި ގައުމީ ސާފިން ފިރިހެން ޓީމާއި އަންހެން ޓީމް ހޯދި ފަހުރުވެރި ކާމިޔާބީއަށް އެމަނިކުފާނު ތަހުނިޔާ ދަންނަވާފައި ވަނީ ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ކ. ތުލުސްދޫގައި ކުރިއަށްދާ މުބާރާތުގައި ވާދަކޮށް އޭޝިއަން ގޭމްސް 2026 ގެ އަންހެން އަދި ފިރިހެން ސާފިން ކެޓަގަރީން ރާއްޖެ ވަނީ ޖާގަ ކަށަވަރުކޮށްފައެވެ. އަދި މި ޖާގަ ކަށަވަރުކޮށްފައި ވަނީ ދެކުނު އޭޝިއާ ސަރަހައްދުގެ 1 ވަނަ ދަރަޖައިގައެވެ. ހަމައެއާއެކު ރާއްޖޭގެ ފިރިހެން ޓީމު ވަނީ އޭޝިއާ ބައްރުގެ 4 ވަނަ ހޯދާފައެވެ.

މި އަހަރަކީ އޭޝިއަން ގޭމްސްގައި ސާފިން ހިމެނުނު ފުރަތަމަ އަހަރެވެ. ދިވެހި ގައުމީ ސާފިން ފިރިހެން ޓީމާއި އަންހެން ޓީމް މި މިކާމިޔާބީ ހޯދާފައި ވަނީ އެ މުބާރާތަށް އެތުލީޓުން ނެގުމަށްޓަކައި މިހާރު ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕް މުބާރާތުގައި ވާދަކޮށްގެންނެވެ.

މި މުބާރާތުގައި 20 ގައުމަކުން 113 އެތުލީޓުން ބައިވެރިވެފައިވެއެވެ. މިއީ އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ދިވެހިރާއްޖޭގައި ބާއްވާ ދެވަނަ ފަހަރެވެ.

ރާއްޖޭގެ ގައުމީ ފިރިހެން އަދި އަންހެން ސާފިން ޓީމުން ހޯދި ކާމިޔާބީއަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވެސް ވަނީ މަރުހަބާ ދަންނަވާފައެވެ.