މޫނު ބުރުގާ އަޅައިގެން ވަޒީފާ އަދާ ކުރެވޭނެ މަގު ފަހު ކޮށްދިނުމަށް މިހާރު އަމަލު ކުރަމުންދާ އުސޫލަށް ބަދަލު ގެނެއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައި ވަނީ ދ. ހުޅުދެލީ މެޖިސްޓްރޭޓް ކޯޓުގެ ވަޒީފާއަކަށް ކުރިމަތިލީ އަންހެނަކު މޫނު ބުރުގާ އަޅާތީ އޭނާ ޑިސްކޮލިފައި ކުރި ކަމަށް ބުނެ ވާހަކަ ދެކެވެމުންދާ ދަނޑިވަޅެއްގައެވެ.

އޭނާ ޑިސްކޮލިފައިކޮށް ކޯޓުން ފޮނުވި ކަމަށް ބުނާ އީމެއިލް ސޯޝަލް މީޑިއާގައި ދައުރުވެފައި ވާއިރު ކޯޓުން ފޮނުވި އީމެއިލްގައި ބުނެފައި ވަނީ އެ މައުލޫމާތު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އާ ހިއްސާ ކުރުމުން، އޭނާ އެ މަގާމަށް ޝަރުތު ހަމަނުވާ ކަމަށް އެ ޑިޕާޓްމަންޓުން ކޯޓަށް އަންގާފައިވާ ކަމަށެވެ.

"ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 129 ވަނަ މާއްދާގައި މުވައްޒަފުން މަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަން ވާނީ ކާކުކަން ރަނގަޅަށް އެނގޭ ފަދަ ގޮތެއްގައި ކަމަށް ބަޔާންކޮށްފައި ވާތީ، ކެނޑިޑޭޓަކީ މޫނު ބުރުގާ އަޅާ ފަރާތެއްކަން ކަށަވަރު ކުރުމަށް ފަހު މޫނު ބުރުގާ އަޅާ ނަމަ ރެކުރޫޓްމަންޓް ޕްރޮސެސް ކުރިއަށް ގެންދަން ނުފެންނަ ކަމުގައި ދެންނެވީމެވެ." އެ އީމެއިލްގައި ބުނެފައި ވެއެވެ.

އެއާއެކު އާންމުންގެ ފާޑުކިޔުންތައް އަމާޒުވެފައިވާ މި ދަނޑިވަޅުގައި އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އިސްލާމްދީނާ ހިލާފު ނުވާ ގޮތަށް ހެދުން އަޅާނަމަ، އެމީހަކު އަޅާފައި ހުންނަ ހެދުމެއްގެ ސަބަބުން ވަޒީފާ ދިނުމުގައި އަދި ވަޒީފާ އަދާކުރުމުގައި އެއްވެސް ތަފާތެއް ކޮށްގެން ނުވާނެ ކަމަށެވެ.

އަދި އެ ތަފާތުކުރުން ގެނުވާގޮތަށް ކުރީގައި ހަދާ އަދިވެސް އަމަަލުކުރަމުން ދާ ހުރިހާ ގަވާއިދުތަކާއި އުސޫލުތައް ބަދަލު ކުރުމަކީ ކުރަންޖެހޭ ކަމެއްކަން ފާހަގަ ކުރައްވައި އެމަނިކުފާނު އިތުރަށް ވިދާޅުވީ އެކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް މިހާރު އަންގަވާފައިވާ ކަމަށެވެ. "އަޅުގަނޑުމެންގެ މި މުޖުތަމައު އަކީ ހުރިހާ މާނައެއްގައި އަދުލުވެރިކަމާއި އިންސާފުވެރިކަން އިސްކުރާ މުޖުތަމައަކަށް ހަދަން އެންމެން އަޒުމް ކަނޑައަޅަމާތޯ!" ރައީސްގެ ޕޯސްޓުގައި ވެއެވެ.

މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދުވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ޝަހީމް ވިދާޅުވީ މޫނު ބުރުގާ އެޅުމަކީ ވަޒީފާއިން މަހުރޫމްވާން ޖެހޭނެ ކަމެއް ނޫން ކަމަށާއި ތަހުޒީބު މުޖުތަމައެއް ބިނާކުރެވޭނީ އެންމެންނަށް ހައްގުތައް ދީގެން ކަމަށް ވިދާޅުވެފައެވެ. އަދި ހަމައެހެންމެ ތައުލީމީ ގިނަ އަންހެނުން މޫނު ބުރުގާ އަޅައިގެން އުޅޭކަން ފާހަގަ ކުރައްވާ ޝަހީމް ވިދާޅުވީ އެފަރާތްތަކުގެ ވަޒީފާގެ ހައްގު ސިވިލްސާވިސް ކޮމިޝަނުން ކަށަވަރު ކޮށްދޭން ޖެހޭނެ ކަމަށެވެ.

ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމެއް ނަމަވެސް މޫނު ބުރުގާ އަޅައިގެން ވަޒީފާ އަދާ ނުކުރެވޭ ޝަކުވާތަކަކީ އާ ޝަކުވާ ތަކެއް ނޫނެވެ. މީގެ ކުރިންވެސް މިފަދަ އެތައް މައްސަލަތަކެއް ފެންމަތިވިވެފައި ވާއިރު މި ކަމުގައި އާންމުންގެ ޝަކުވާ އިންތިހާއަށް ގިނައެވެ.