ދުނިޔޭގައި ފެތުރެމުންދާ މަންކީޕޮކްސް (އެމްޕޮކްސް) އަލާމާތްތަކަށް ފަރުވާދެވޭނެ ގާބިލުކަން ރާއްޖޭގައި އެބަހުރިކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
މިއަދު، ހެލްތު މިނިސްޓްރީން އެމްޕޮކްސް އާއި ގުޅެ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ސެޝަންގައި އެޗްޕިއޭއިން ބުނީ، އެމްޕޮކްސްގެ ސްޓްރެއިންތަކަށް އަންނަ ބަދަލުތަކާ ގުޅިގެން އަދި ސީދާ އެބައްޔަށް ވެކްސިންއެއް ލިބިފައި ނުވިނަމަވެސް އެ ބަލީގެ އަލާމާތްތަކަށް ދޭންޖެހޭ ސަޕޯޓިވް ފަރުވާ ދެވޭނެކަމަށެވެ.
މީގެ އިތުރުން އެޗްޕީއޭއިން ބުނީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް އެ ބައްޔަށް ފަރުވާ ދިނުމަށް ބޭނުންކުރަމުން އަންނަނީ އެމްޕޮކްސްއާއި ގުޅުން ހުރި ބައްޔެއްކަމަށްވާ ސްމޯލް ޕޮކްސްއަށް ބޭނުންކުރާ ވެކްސިންކަމަށެވެ.
އެޗްޕީއޭއިން ބުނީ މި ބަލީގެ އެންމެ ރިސްކު މަތި މީހުންގެ ތެރޭގައި މާބަނޑު އަންހެނުންނާ، ބަނޑުގައިވާ ދަރިފުޅާ، ކުޑަކުދިންނާ، ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި، ހަމުގެ ބަލި ހުންނަ މީހުންގެ އިތުރުން، ދިގުމުއްދަތަކަށް ބައްޔަކަށް ފަރުވާ ހޯދާ މީހުން ހިމެނޭކަމަށެވެ. އެމްޕޮކްސްގެ 2 ކްލޭޑެއް ހުންނަކަން ފާހަގަކުރަމުން އެޗްޕީއޭއިން ވަނީ ވަގުތު ފެތުރެމުންދަނީ ކްލޭޑް އެކެއް ކަމަށެވެ. އަދި އެމްޕޮކްސް ޖެހިއްޖެނަމަ ބަލިން ރަނގަޅުވުމަށް 2-4 ހަފްތާ ނަގާނެކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
އިތުރަށް އެޗްޕީއޭ އިން ބުނީ އެމްޕޮކްސް އާއި ކޮވިޑުގައި އެތައް ތަފާތުތަކެއް ހުރިނަމަވެސް، އަދި މިއީ ކޮވިޑު19 ހާ ސީރިއަސް ބައްޔެއް ނޫންނަމަވެސް، މި ބައްޔަށް ޓެސްޓުކުރުމުގައިވެސް ޕީސީއާރު ހަދާނެކަމަށެވެ. އެޗްޕީއޭ އިން ބުނީ މިހާރު ފެންމަތިވެފައިވާ އެމްޕޮކްސްއަކީ ކޮވިޑްހާ އަވަހަށް ފެތުރޭ ބައްޔެއް ނޫންކަމަށާއި، އެ ބަލި ފެތުރޭނީ އެ ބަލި ޖެހިފައިވާ މީހެއް ނުވަތަ ޖަނަވާރަކާއި ކައިރީގައި ގިނަ ވަގުތު ހޭދަކޮށް ނުވަތަ އެ ބަލި ޖެހިފައިވާ މީހެއްގެ ގައިގައި ހުންނަ ދިޔަ އެތެރެވުމުން ކަމަށެވެ.