ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ބައިނަލްއަގްވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާއެކު ރާއްޖޭގައި ރިސްކް އެސެސްމަންޓް ހަދަމުންދާކަމަށާއި އާންމު ސިއްހަތަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ލަފާ ދިނުމަށް ހަމަޖެހިފައިވާކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.

މަންކީޕޮކްސް (އެމްޕޮކްސް) ނަމަކަށް ކިޔާ ބައްޔެއްގެ އާ ވޭރިއެންޓެއް ބާރަށް ފެތުރެމުންދާތީ ޑަބްލިއުއެޗްއޯއިން އިއްޔެ ވަނީ ބައިނަލްއަގްވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. އެފްރިކާގެ 13 ގައުމެއްގައި އެމްޕޮކްސްގެ ކޭސްތައް ފެނި އެ ބަލީގެ އާ ވޭރިއަންޓެއް ބާރަށް ފެތުރެމުންދާއިރު މިއީ އެ ޖަމާއަތުން ނެރޭ އެންމެ މަތީ ދަރަޖައިގެ އެލާޓެވެ.

ބުދަ ދުވަހު، މި ބަލީގެ ތަޖުރިބާކާރުންނާއެކު ވާޗުއަލްކޮށް ބައްދަލުކޮށް ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެއިސަސް އަށް ވަނީ ބަލި ފެތުރޭ ގޮތާ ބެހޭ ގޮތުން ލަފާ ދީފައެވެ. މި ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ގެބްރެއިސަސް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި އެކި ގައުމުތަކާއި ގުޅިގެން އެ ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް މަސައްކަތް ކުރާނެކަމަށެވެ. އަދި ބަލި ޖެހިފައިވާ މީހުންނަށް ފަރުވާދީ ފުރާނަތައް ސަލާމަތް ކުރުމަށް މަސައްކަތް ކުރާނެކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

"އިރުމަތީ ޑީއާރުސީގައި އެމްޕޮކްސްގެ އާ ކްލޭޑެއް ފެނި ހަލުވިކަމާއެކު ފެތުރުމާއި، ކުރިން އެމްޕޮކްސް ރިޕޯޓް ނުކުރާ އަވަށްޓެރި ގައުމުތަކުގައި އެކަން ފެނުމާއި، އެފްރިކާގެ ތެރޭގައި އަދި އެއަށްވުރެ ދުރުން މި ބަލި އިތުރަށް ފެތުރިދާނެ ކަމުގެ ފުރުސަތު ބޮޑު. މިއީ ހުރިހާ ގައުމުތަކުން ވެސް ސަމާލުވާން ޖެހޭ ކަމެއް" ގެބްރެއިސަސް ވިދާޅުވިއެވެ.

ޑަބްލިއުއެޗްއޯއިން އެންމެ މަތީ ދަރަޖައިގެ ސިއްހީ ނުރައްކަލުގެ ހާލަތު އިއުލާނުކުރުމުގެ ބޭނުމަކީ ބަލި ކޮންޓްރޯލު ކުރުމަށް ފަންޑިން ހޯދުމާއި، ދިރާސާތައް އަވަސް ކުރުމާ، ބަލި ކޮންޓްރޯލު ކުރުމަށް ބައިނަލްއަގުވާމީ ގޮތުން އެހީތެރިކަން ހޯދުމެވެ.