ރާއްޖޭގެ ފެނާއި ނަރުދަމާ ދާއިރާއަށް ބޭނުންވާ ފަންނީ ތަޖުރިބާ އިތުރު ކުރުމަށްޓަކައި ދިވެހި ސަރުކާރާއި ތުރުކީ ސަރުކާރާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
އޮންލައިންކޮށް ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައި މި ފަހުމުނާމާގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ތޯރިގް އިބްރާހީމެވެ.
ތުރުކީ ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އިސްތަންބޫލް ވޯޓަރ އެންޑް ސުވަރެޖްއެޑްމިނިސްޓްރޭޝަންގެ ޑެޕިއުޓީ ޖެނެރަލް ޑިރެކްޓަރެވެ.
އެންވާރަމެންޓް މިނިސްޓްރީން ބުނީ، މި ފަހުމުނާމާއަކީ ފެނާއި ނަރުދަމާ ދާއިރާ ތަރައްގީކުރުމަށްޓަކައި ބޭނުންވާ ފަންނީ ތަޖުރިބާ ދެ ގައުމު ދެމެދުގައި ބަދަލުކުރުމާއި، މި ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުމަށްޓަކައި ބޭނުންވާ ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ވެވުނު އެއްބަސްވުމެއް ކަމަށެވެ.
އަދި އެ ދާއިރާއާ ގުޅޭ ބައިނަލް އަގްވާމީ ކޮންފަރަންސްތަކުގައި ދެ ގައުމުން ގުޅިގެންބައިވެރިވެ ދާއިރާއަށް ކުރިއެރުން ހޯދުމަށް ކުރެވެންހުރި މަސައްކަތްތައް ކުރުމަށް ދެ ގައުމުން ވަނީ އެއްބަސްވެފައެވެ.
މި ފަހުމުނާމާގެ ސަބަބުން ފެނާއި ނަރުދަމާ ދާއިރާ ތަރައްޤީ ކުރުމަށްޓަކައި ދެ ފައުމު ދެމެދުގައި ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށް ގަބޫލުކުރެވޭ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.