ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ ހިޔާނާތުގެ މައްސަލަ ބަލަން އެ ކުންފުނީގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އަށް ހާޒިރުކުރަން ނިންމައިފިއެވެ.
މިގޮތަށް ނިންމާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި، އެ ކުންފުނީގެ ވެރިން ކޮމިޓީއަށް ހާޒިރުކުރަން ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ހުށަހެޅުމުންނެވެ.
އެ މައްސަލަ ހުށަހަޅުއްވަމުން އިބްރާހިމް ދީދީ ވިދާޅުވީ، އާރުޑީސީން ހިންގާފައިވާ ކޮރަޕްޝަނާއި ވައްކަމުގެ މައްސަލައިގައި ރައްޔިތުން ކަންބޮޑުވާ ކަމަށާއި އެ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. އެހެެންކަމުން އެކަންތައްތައް ކޮމިޓީން އޮޅުންފިލުވަން ޖެހޭ ކަމަށާއި ވީހާ އަވަހަކަށް އެ ކުންފުނީގެ އިސް ފަރާތްތައް ކޮމިޓީއަށް ހާޒިރުކުރުމަށް އެދިވަޑައިގަންނަވާ ކަމަށް އިބްރާހިމް ވިދާޅުވިއެވެ.
އޭނާގެ ހުށަހެޅުއްވުމަށް ތާއިދުކުރެއްވީ ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަފެވެ. އަދި ވީ އެންމެ އަވަހަކަށް އާރުޑީސީގެ އިސް ފަރާތްތައް ކޮމިޓީއަށް ހާޒިރުކުރަން އެ ކޮމިޓީން ނިންމިއެވެ.
އާރްޑީސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ފައިނޭންޝަލް ކްރައިމް ޑިޕާޓްމެންޓްގެ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ޔޫސުފް ލޫތު ވަނީ އެ ކުންފުނިގެ ހިޔާނާތުގެ މައްސަލައިން ތަހުގީގަށް ފާހަގަ ވި ކަންކަން ހިއްސާކުރައްވާފައެވެ. އެ ގޮތުން ކޮވިޑްގެ ހާލަތް ނިމިގެން ދިޔައިރުވެސް އުސޫލަށް ބަދަލު ނުގެނެސް އެ ފަރާތްތަކުން އަމިއްލަ އެކައުންޓަށް ފައިސާ ޖަމާކޮށް އަދި ކުންފުނީގައި މަސައްކަތް ކުރާ އެހެނިހެން ފަރާތްތަކުގެ އެކައުންޓަށް އެ ފައިސާ ޖަމާކޮށްގެން މަކަރާ ހީލަތުން އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ. އާރްޑީސީގެ އެކައުންޓުން އެތަނުގެ އެއް މުވައްޒަފުގެ އެކައުންޓަށް 216 ޓްރާންސެކްޝަން ހަދާފައިވާ ކަމަށް ތުހުމަތު ކުރެވޭކަމަށްވެސް ލޫތު ވަނީ ވިދާޅުވެފައެވެ.
އެ މައްސަލަ ތަހުގީގު ކުރުމަށް މިދިޔަ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު ވަނީ ބައެއް ތަންތަން ބަލައި ފާސްކޮށްފައެވެ.
މީގެ އިތުރުން ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް އޭސީސީ ހާޒިރުކޮށް މެންބަރުން ކުރި ސުވާލުތަކަށް ޖަވާބު ދެމުން އޭސީސީން ބުނެފައި ވަނީ އެކުންފުނީގެ ހިޔާނާތާ ގުޅިގެން ކުރިއަށްގެންދިޔަ ތަހުގީގުން އެ ހިޔާނާތުގައި ބައިވެރިވި ފަރާތްތައް އެނގޭ ކަމަށެވެ. އެ މައްސަލައިގެ ތަހުގީގުގައި ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި އެ މައްސަލައާ ބެހޭ ބައެއް މައުލޫމާތު ހާމަކުރާނެ ކަމަށް ވެސް އޭސީސީން ވަނީ ބުނެފައެވެ. އެ ހިޔާނާތުގައި ބައިވެރިވާ ފަރާތްތަކުގެ އިތުރުން، ހިޔާނާތުގެ ފައިސާ ހަރަދުކޮށްފައިވާ ގޮތް ވެސް މިހާރު އެނގޭ ކަމަށް އޭސީސީން ބުނެފައި ވެއެވެ. އަދި އެ ފައިސާ ހަރަދު ކުރުމާއި އެ ކޮމިޝަނުން ކުރިއަށްގެންދާ އެހެން ތަހުގީގަކާ ގުޅުން ހުރުމުން އެ މައުލޫމާތުތައް ހާމަކުރެވެން ނެތް ކަމަށްވެސް އޭސީސީން ބުނެއެވެ.