ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 ވަނަ މިނިވަން ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިއަދު ބޭއްވި ޕެރޭޑް ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްލަވާލައްވައިފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ އަސްކަރީ ހަރަކާތްތަކުގެ އިތުރުން ގައުމީ ކެޑޭޓް ކޯގެ ޕެރޭޑާ ރޫޓް މާޗް މި ޕެރޭޑްގައި ވަނީ ދައްކާލާފައެވެ.

އަސްކަރީ ޕެރޭޑާއި ގައުމީ ކެޑޭޓް ކޯގެ ޕެރޭޑާ ރޫޓް މާޗް ބައްލަވާލެއްވުމަށް ރައީސް އަދި އަނބިކަނބަލުން ސާޖިދާ މުހައްމަދު ނުކުމެވަޑައިގެންނެވީ ރައީސްގެ އޮފީހުގެ ދެކުނުން، އަމީރު އަހްމަދު މަގަށެވެ.

ރައީސްގެ ދެކަނބަލުން އެ ސަރަހައްދަށް ނުކުމެވަޑައިގެންނެވުމުން، އެ ދެކަނބަލުންނާ އިސްތިގުބާލު ކުރެއްވީ، ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނު އަދި ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު އިބްރާހީމްއެވެ.

އަސްކަރީ ޕެރޭޑާއި ރޫޓްމާޗް ބައްލަވާލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި، ވަޒީރުންނާ ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. އަދި އާންމުންގެ ގިނަ ބަޔަކުވެސް ބައިވެރިވެރިވިއެވެ.