ގެދޮރުވެރިޔާ ސްކީމުން މާލެ ސަރަހައްދުން ދޭން ނިންމާފައިވާ 4000 ފްލެޓްގެ ތެރެއިން ކަސްޓަމްސް މުވައްޒަފުންނަށް ފްލެޓް ހޯދައި ދިނުމުގެ ޝައުގެއް ނެތް ކަމަށް ކަސްޓަމްސްގެ ވެރިން ވިދާޅުވެފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި މިއަދު ބޭއްވި ބައްދަލުވުމުގައި މެންބަރަކު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ހައިދަރު ވިދާޅުވީ، ކަސްޓަމްސްގެ މުވައްޒަފުންނަށް ދިނުމަށް ނިންމާފައިވާ 100 ފްލެޓަކީ ވުޖޫދުގައި ނެތް އެއްޗެއް ކަމަށެވެ. ކުރީ ސަރުކާރުން 4000 ފްލެޓް ދޫކުރި އިރު ވެސް ކަސްޓަމްސް މުވައްޒަފުންނަށް ފްލެޓް ދޭން ނިންމާފައި ނުވާ ކަން ހައިދަރު ފާހަގަ ކުރެއްވިއެވެ.
4000 ފްލެޓްގެ މައްސަލައިގައި ހައުސިން މިނިސްޓްރީން ބަލަމުން ދަނީ ފްލެޓަށް އެދި ހުށަހެޅުމަށް ކުރީ ސަރުކާރުން އިއުލާން ކޮށްގެން ހުށަހަޅާފައިވާ ފޯމްތަކަށް ކަމަށް ހައިދަރު ވިދާޅުވިއެވެ. އޭގެ ތެރޭގައި އެ ފްލެޓްތަކުން ކަސްޓަމްސް މުވައްޒަފުންނަށް ފްލެޓް ދިނުމުގެ ވާހަކަ ނެތް ކަމަށް ހައިދަރު ވިދާޅުވިއެވެ.
ހަމައެއާއެކު ކަސްޓަމްސް އާއި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާއެކު އެގްރީމަންޓެއް ހަދާފައިވާ ނަމަ އެފްޑީސީން އެ އެގްރީމަންޓަށް އިހްތިރާމް ކުރާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި 4000 ފްލެޓުން ކަސްޓަމްސް މުވައްޒަފުންނަށް ފްލެޓް ދޫކުރަން ކަނޑައަޅާފައިވާ ކަން މިހާތަނަށް ބެލިބެލުމުން ފެނިފައި ނުވާ ކަމަށް ހައިދަރު ވިދާޅުވިއެވެ.
އަދި މި ކަމާ ގުޅިގެން ކަސްޓަމްސް އާއެކު މަޝްވަރާ ކުރެއްވި ކަމަށާއި އެ މަޝްވަރާގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4000 ފްލެޓްގެ ތެރެއިން އެތާނގެ މުވައްޒަފުންނަށް ފްލެޓް ދިނުމުގެ "އިންޓަރެސްޓް" ނެތް ކަން ފާހަގަވެފައިވާ ކަމަށް ހައިދަރު ވިދާޅުވިއެވެ.
މާލޭގެ ބޯހިޔާވަހިކަމަށް ހައްލު ގެނެސްދިނުމަށް ނިމިދިޔަ ސަރުކާރުން ހިންގި ގެންދޮރުވެރިންގެ މަޝްރޫއުގެ ތެރެއިން ގެދޮރުވެރިޔާ ސްކީމްގެ ދަށުން މާލެ ރައްޔިތުން ދޭ 4000 ފްލެޓްގެ ތެރެއިން 100 ފްލެޓް ކަނޑައަޅާފައި ވަނީ މޯލްޑިވްސް ކަސްޓަމްސް ސާވިސް އަށް ކަމަށް އޭރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވަނީ ވިދާޅުވެފައެވެ. އެގޮތުން މިދިޔަ ސަރުކާރުން 4000 ފްލެޓްގެ ދާއިމީ ލިސްޓް އާންމުކުރި އިރު ކުރީ ލިސްޓުގައި ވަނީ 3900 މީހުންނަށް ފްލެޓް ދޭ ގޮތަށެވެ.
އަކްރަމް މިހެން ވިދާޅުވެފައިވާ އިރު، ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭ މިދިޔަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވަނީ، ކަސްޓަމްސް އާއި ޔުނިވާސިޓީ އާއި ކަރެކްޝަންސްގައި މަސައްކަތް ކުރާ މީހުންނަށް ފްލެޓް ދެއްވާނެ ކަމަށެވެ. އެގޮތުން އެ ދުވަހު ވަނީ ކަސްޓަމްސް ގައި މަސައްކަތް ކުރާ މީހުންނަށް ވީ ވައުދުފުޅު ފުއްދެވުމަށްޓަކައި ފްލެޓްތަކުގެ ލިސްޓް ހަވާލުކޮށްފައި ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްކޮޅުގެ ތެރޭގައި ޔުނިވާސިޓީ އާއި ކަރެކްޝަންސްގައި މަސައްކަތް ކުރާ ފަރާތްތަކަށް ވީ ވައުދުފުޅުތަކާ އެއްގޮތަށް އެ ފްލެޓްތައް ވެސް ދީ ލިޔުން ހަވާލު ކުރައްވާނަން ކަމަށް ރައީސް ސޯލިހް އޭރު ވަނީ ވިދާޅުވެފައެވެ.