ދިވެހިރާއްޖޭގެ އިކޯސިސްޓަމް އެޓްލަސްއެއް އެކުލަވާލުމަށްޓަކައި ގްރޫޕް އޮފް އާތް އޮބްޒަވޭޝަންސް (ޖީއީއޯ) އާއެކު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ.

މި މަޝްރޫއުގެ ނަމަކީ "ދަ ގްލޯބަލް އިކޯސިސްޓަމް އެޓްލަސް އެކްސެލެރޭޓަރ ފޯ ދަ މޯލްޑިވްސް" އެވެ.

މި އެމްއޯޔޫގައި ސޮއިކުރުމާއެކު، ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް އިކޯސިސްޓަމް އެޓްލަސްއެއް އެކުލަވާލެވޭނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީއިން ބުނެއެވެ. މި އެޓްލަސްގެ ސަބަބުން ރާއްޖޭގެ ތަރައްގީގެ މަސައްކަތްތަކާ ގުޅޭ ނިންމުންތައް ނިންމުމުގައި އެހީތެރިވެދޭނެ ކަމަށް ވެސް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.

އެންވަޔަރަމަންޓް މިނިސްޓަރީއިން ބުނީ ތިމާވެށި ރައްކާތެރިކުރުމުގެ ރޭވުންތަކަށާއި، ސަރުކާރުން ފަހަކަށް އައިސް އިއުލާންކޮށްފައިވާ ގުދުރަތީ ވަސީލަތްތައް ބެލެހެއްޓުމާއި ތިމާވެށި ހިމާޔަތްކުރުމުގެ އަމާޒުތައް ހާސިލުކުރުމަށް މި އެޓްލަސް މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ.

މީގެއިތުރުން ގައުމީ ފެންވަރުގައި ގުދުރަތީ ޕާކުތަކާއި، ބަޔޯސްފިއާ ރިޒާވްތަކާއި، އިކޯޓޫރިޒަމް ކުރިއެރުވުމަށް ކަނޑައަޅާފައިވާ އަމާޒުތަކުގެ އިތުރުން، ކުންމިން-މޮންޓްރިއަލް ގްލޯބަލް ބަޔޯޑައިވާސިޓީ ފްރޭމްވޯކްގެ އަމާޒުތަކާ އެއްގޮތްވާ ގޮތުގެމަތިން ނޭޝަނަލް ބަޔޯޑައިވާސިޓީ ސްޓްރެޓެޖީ އެންޑް އެކްޝަން ޕްލޭންގެ ދަށުން އިތުރު އަމާޒުތަކެއް ކަނޑައެޅުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.

އެންވަޔަރަމަންޓް މިނިސްޓަރީއިން ބުނީ މި އެޓްލަސްގެ ސަބަބުން މި އަމާޒުތައް ހާސިލުކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ. މި މަޝްރޫއުގެ ދަށުން އެކުލަވާލެވޭ އެޓްލަހުގައި ރާއްޖޭގެ ތިމާވެށީގެ ވައްޓަފާޅިތަކުގެ ބާވަތްތަކާއި، އެ ސަރަހައްދުތަކުގެ މައުލޫމާތު އަދި ފަންނީ ލިޔެކިޔުންތައް ހިމެނޭނެކަމަށް މިނިސްޓްރީއިން ބުނެއެވެ.

މި މަޝްރޫއު ކުރިއަށް ގެންދާނީ ޔޫއެސްއޭއައިޑީގެ އެހީގައި ރީޖެނެރޭޓް ޕްރޮޖެކްޓްގެ ދަށުން އައިޔޫސީއެން އާއި ގުޅިގެން ކުރިން ދެނެގަނެފައިވާ ރާއްޖޭގެ ތިމާވެށީގެ ވައްޓަފާޅިތަކުގެ މައްޗަށް ބިނާކޮށެވެ.

އެންވަޔަރަމަންޓް މިނިސްޓްރީއިން އިތުރަށް ބުނީ ގޮނޑުދޮށާއި ކަނޑުގެ ވެށްޓަށް ބަރޯސާވާ މިންވަރު ބޮޑު ގައުމަކަށްވާތީ، މިފަދަ އެޓްލަހެއްގެ މުހިންމުކަން ވަރަށް ބޮޑު ކަމަށެވެ. އަދި ގުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމާއި، މުހިންމު ސަރަހައްދުތައް ހިމާޔަތްކޮށް ބެލެހެއްޓުމާއި، ގެއްލުން ލިބިފައިވާ ސަރަހައްދުތައް އާރާސްތުކުރުމަށް މި އެޓްލަސް އެހީތެރިވެދޭނެ ކަމަށެވެ.

މި މަޝްރޫއުގެ ޕައިލެޓް ގައުމެއްގެ ގޮތުގައި ރާއްޖެ ހޮވި ކަމަށްޓަކައި ޖީއީއޯއަށް ޝުކުރު އަދާކުރައްވާ އެންވަޔަރަމަންޓް މިނިސްޓަރު ވިދާޅުވީ މި މަޝްރޫއު ކުރިއަށް ގެންދިއުމުގައި ޖީއީއޯ އާއެކު ފައިދާހުރި ގޮތެއްގައި މަސައްކަތްކުރެވޭނެ ކަމުގެ އުންމީދު އޮތް ކަމަށެވެ.