ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި 5 އިންސައްތައަށް ވުރެ އިންޓަރެސްޓް ރޭޓް ބޮޑުނުވާގޮތަށް ދޫކުރާ ގެދޮރުވެރިކަމުގެ ލޯނުތައް އަންނަ އޮކްޓޯބަރުމަހު ދޫކުރަން ފެށޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ސަރުކާރުގެ އެންމެ ބޮޑު ވައުދަކީ ގެދޮރުވެރިކަން ފަހިކޮށްދިނުންކަމަށެވެ. އެގޮތުން ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ދިރިއުޅޭ ކޮންމެ ރައްޔިތަކަށްވެސް ނެގޭގޮތަށް ދޫކުރާ ލޯނުތައް ދޫކުރަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދެމެހެއްޓެނިވި ތަރައްގީގެ ވިސްނުމުގެ ތެރެއިން 3 ގިންތިއެއްގައި ލޯނު ދޫކުރެވޭނެކަމަށާއި އެއީ މާލެ ސިޓީގައި 6 މިލިޔަން ރުފިޔާއާ ހަމައަށް އަދި އާބަންސެންޓަރުތަކުގައި 3 މިލިޔަން ރުފިޔާއާ ހަމައަށް އަދި އެހެން ރަށްރަށުގައި 1 މިލިޔަން ރުފިޔާއާ ހަމައަށް ލޯނަށް ޝަރުތު ހަމަވާ ފަރާތްތަކަށް ދޫކުރާ ގެދޮރުވެރިކަމުގެ ލޯނުތައްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ލޯނުތައް މެދުވެރިކޮށް ގެދޮރު އަލަށް އިމާރާތްކުރުމަށާއި، މަރާމާތުކުރުމަށާ އަދި ހަދަންފަށައި ނުނިމި ހުރިބައި ނިންމުންފަދަ ކަންކަން ކުރެވޭނެކަމުގައި ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ދާދިފަހުން ސަރުކާރުގެ އިސްބޭފުޅުންގެ ވަފުދެއް ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ކުރެއްވި މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން މާލެ ސަރަހައްދުގެ ގެދޮރުވެރިކަމަށް ބޭނުންވާ ބިންތައް ގުޅައިލުމަށް ބާކީ އަޅަންޖެހޭ ދެ ބުރިޖުގެ މަސައްކަތްކުރުމަށް ގޮތްތަކެއް ހޯދާފައިވާކަމުގައެވެ.

އެގޮތުން މިހާރު ކުރިޔަށްދާ ބުރިޖު އެޅުމުގެ މަޝްރޫއުގައި ގިރާވަރުފަޅާ، ގުޅުވާލުމާ ގިރާވަރު ފަޅުން އުތުރުތިލަފަޅަށް ގުޅުވާލުން ނުހިމެނޭކަން ފާހަގަކުރައްވައި އެ ދެތަނާ ގުޅުވާލާ ބުރިޖު އެޅުމަށް މިހާރު ވަނީ ޕްރޮޕޯސަލް ހުށަހެޅުމަށް ހަވާލުކުރެވިފައިކަމުގައި ރައީސް ވިދާޅުވިއެވެ. އިތުރަށް ރައީސް ވިދާޅުވީ، އަމާޒަކީ އެ ދެ ބުރިޖުގެ މަސައްކަތްވެސް 2026 ވަނަ އަހަރު ފަށައި 2029 ވަނަ އަހަރުގެ ނިޔަލަށް އުތުރުތިލަފަޅާ ހަމައަށް ބުރިޖުން ގުޅާލުން ކަމުގައެވެ. ބުރިޖު އުތުރުތިލަފަޅާ ހަމައަށް ގެންދަންޖެހެނީ، އުތުރު ތިލަފަޅަކީ އިގްތިސާދު ފުޅާކުރުމަށް ކުރެވޭ މަސައްކަތުގައި ހިމެނޭ ދަނޑުވެރިކަމުގެ ބިޔަ މަޝްރޫއުކުރިޔަށްގެންދާ ތަންކަމުގައި ވާތީކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރަސްމާލެ މަޝްރޫއުގެ މަސައްކަތް ވެސް އަލުން ފެށިފައިވާކަން ފާހަގަކުރައްވައި ޗައިނާގެ އެކިކަހަލަ ލުއި ލޯނުތަކުގެ އެހީގައި މި ދައުރުގެ ތެރޭގައި ރަސްމާލޭގައި އެކަނިވެސް އެކިކަހަލަ 30 ހާސް ހައުސިން ޔުނިޓް އަޅާނެކަން ރައީސް ވަނީ ހާމަކުރައްވާފައެވެ.