2025 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ބަޖެޓް ކަނޑައަޅާ އިރު، އެ ބަޖެޓުގައި މީޑިއާއަށް ފައިސާ ދިނުމަށް ހިމަނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ
ރައީސް މިހެން ވިދާޅުވީ، މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ކުރިން ވެސް ވައުދުފުޅުވެވަޑައިގެން ގޮތަށް އަންނަ އަހަރުގެ ބަޖެޓުގައި ސީޔާސީ ޕާޓީތަކަށް ވަކި ޕަސެންޓަކަށް ފައިސާ ދޫކުރާ ގޮތަށް މީޑިއާތަކަށް ވެސް ވަކި ޕަސެންޓެއްގެ ފައިސާ ދިނުމަށް ހަމަޖައްސާނެ ކަަމަށެވެ. އަންނަ އަހަރުގެ ބަޖެޓުގައި މިފައިސާ ދޭން ހިމަނާ އިރު އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް މި ފައިސާ މީޑިއާއަށް ދިނުމަށް ބަޖެޓުގައި ހިމަނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ހުޅުމާލޭގައި ހުންނަ އެސްޓީއޯގެ އިމާރާތް މިހާރު ވަނީ ސަރުކާރަށް ނަގާފައި ކަމަށާއި އެތަނުގެ ބައެއް ފްލޯތަކުގައި މީޑިއާ ވިލެޖް ހަދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި މީޑިއާ ވިލެޖް ހެދުމަށް ފަހު އެތަނުން މީޑިއަތަކަށް ވަކި އުސޫލެއްގެ މަތިން އެތަންތަން ދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި އެސްޓީއޯ އެ އިމާރާތުގައި ކުރަން ހުރި މަސައްކަތްތައް ނިންމައި މީޑިއާ ވިލެޖަށް ބޭނުންވާ ތަންތަން ދޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ވެސް ވަނީ މީޑިއާތައް އަމިއްލަ ފައިމައްޗަށް ތެދުކުރުވުމަށާއި މިނިވަން ކުރުމަށް ބަޖެޓުން ފައިސާ ދިނުމަކީ ރަނގަޅު ކަމެއް ކަމަށް ވިދާޅުވެފައެވެ. މިހާރު ދައުލަތުގެ ކުންފުނިތަކުން މީޑިއާއަށް ފައިސާދޭ އުސޫލު ބަދަލު ކުރަންޖެހޭ ކަމަށާއި ބޭނުންވަނީ މީޑިއާތަށް މިނިވަންކޮށްދިނުމަށް ކަމަށާއި މީޑިއާތަށް މިނިވަންވުމަށް ފުރުސަތުތަށް ފަހިކޮށްދީ އެ ފުރުސަތުތަކުގެ ބޭނުން ހިފޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް އޭރު މުއިއްޒު ވިދާޅުވިއެވެ.
ގިނަ އަދަދެއްގެ ނޫސްވެރިން އަދި އަލަށް ނޫސްވެރިކަމަށް ނުކުންނަން ބޭނުންވާ ފަރާތްތަކުން ނޫސްވެރިކަމުގެ ދާއިރާއިން ކިޔަވަން ބޭނުންވާކަން ފާހަގަކުރައްވާ މުއިއްޒު ވަނީ ނޫސްވެރިކަމުގެ ދާއިރާއަށް ވަރަށް ބޮޑު އިސްކަމެއް ދެއްވަން ނިންމަވާފައިވާ ކަން އޭރު ފާހަގަ ކުރައްވާފައެވެ. އެގޮތުން އެ ދާއިރާއިން އިތުރަށް ކިޔެވުމަށާއި އަދި އެ ދާއިރާއިން ތައުލީމާއި ތަޖުރިބާތައް ހޯދުމަށް ފުރުސަތުތައް ހޯއްދަވައިދެއްވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.