ސެންޓްރަލް ޕާކު ވަށައިގެން އޮންނަ މަގު އެއްކޮޅަށް ދުއްވޭ މަގަކަށް ބަދަލުކުރަން ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.

އެޗްޑީސީ އިން ބުނީ މި ބަދަލު ގެނައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން ކަމަށާއި، މިއީ ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގެ ޓްރެފިކް ފްލޯ ބަދަލުކުރުމަށް ކުރަމުން ކުރެވޭ މަސައްކަތެއް ކަމަށެވެ.

މި މަސައްކަތުގެ ދަށުން މިހާރު ކުރިއަށް ދަނީ ސެންޓްރަލް ޕާކު ވަށައިގެން އޮންނަ މަގު ކަމުގައިވާ 'ބަގީޗާ ހިނގުން' އެއްކޮޅަށް ދުއްވޭ މަގަކަށް ހެދުމަށް މަގުގައި ލައިން ކުރެހުމާއި ސައިން ބޯޑުތައް ބެހެއްޓުމުގެ މަސައްކަތެވެ. މި މަސައްކަތް އެއްކޮށް ނިންމައި، އަންނަ ހޮނިހިރު ދުވަހުން ފެށިގެން އާންމުންނަށް ހުޅުވާލެވޭނެ ކަމަށް އެޗްޑީސީ އިން ވަނީ ބުނެފައެވެ.

ޓްރެފިކް މައްސަލަތައް ހައްލުކޮށް ހުޅުމާލޭގެ މަގުތަކަކީ އެކްސިޑެންޓް މަދު ރައްކާތެރި ތަނަކަށް ހެދުމަށް ހުޅުމާލޭގެ ޖުމްލަ 11 ސަރަހައްދަކަށް ބަދަލު ގެނައުމަށް ވަނީ ހަމަޖެހިފައެވެ. އެ މަޝްރޫގެ އަމަލީ މަސައްކަތް މިހާރު ފެށިފައިވާއިރު ބައެއް ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލުގެނައުމަށް ރައުންޑެބައުޓްސް ގާއިމްކޮށް ސައިން ބޯޑުތައް ބެހެއްޓުމުގެ މަސައްކަތް ވެސް މި އަހަރުގެ ތެރޭގައި އެއްކޮށް ނިންމާލުމަށް މަސައްކަތް ކުރަމުން ދާ ކަމަށް އެޗްޑީސީ އިން ވަނީ ބުނެފައެވެ.

އެޗްޑީސީ އިން ބުނީ ބަދަލު ގެންނާނެ ސަރަހައްދުތައް ކަނޑައެޅީ ފުލުހުންނާއި އެޗްޑީސީގެ ޑޭޓާތަކަށް ބެލުމަށްފަހު ހުޅުމާލޭގެ މަގުތަކުގެ ތެރެއިން ޓްރެފިކް އެންމެ ބާރުބޮޑުވާ އަދި ނުރައްކާތެރިކޮށް ހުރި ސަރަހައްދުތަކަށް ބަލައިގެންން ކަމަށާއި މި މަސައްކަތް ނިމުމުން ހުޅުމާލޭގެ ޓްރެފިކް ފްލޯ ވަރަށް ބޮޑަށް ރަނގަޅުވެ، މަގުތަކުގައި ތޮއްޖެހުން ކުޑަ ވެގެން ދާނެ ކަމަށެވެ. އަދި ވެހިކަލްތަކާއި ހިނގާ މީހުންނަށްވެސް ހުޅުމާލޭގެ މަގުތަކަކީ ރައްކާތެރި މަގުތަކަކަށް ވެގެން ދާނެ ކަމަށް އެޗްޑީސީ އިން ވަނީ ބުނެފައެވެ.

އެޗްޑީސީ އިން ބުނީ އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ހުޅުމާލެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް ލުއިފަސޭހަ ގޮތްތައް މަގުފަހިކޮށްދިނުމަށް ކަމަށެވެ.