ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ސިހުރު ހެދި ކަމުގެ ތުހުމަތުގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އާއި އޭނާގެ ކޮއްކޮ ބަންދު ކުރި މައްސަލަ ހައިކޯޓަށް ހުށަހަޅައިފިއެވެ.

ރައީސް މުއިއްޒުއަށް ސިހުރު ހެދިކަމަށް ތުހުމަތުކޮށް، ޝަމްނާޒް އާއި އޭނާގެ ކޮއްކޮ ދިރިއުޅެމުންދިޔަ އެޕާޓްމަންޓު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ބަލާ ފާސްކޮށްފައި ވާއިރު އެ ގެއިން ބައެއް ތަކެތި ވެސް ފުލުހުން ގެންދިޔައެވެ. އަދި މިދިޔަ މަހު 23 ވަނަ ދުވަހު ޝަމްނާޒް، ފުލުހުން ހައްޔަރު ކޮށްފައި ވާއިރު އޭނާ ބަންދުން ދޫކޮށްލީ އޭގެ 20 ދުވަސް ފަހުންނެވެ.

ޝަމްނާޒް އާއި އޭނާގެ ކޮއްކޮ ބަންދު ކުރި މައްސަލަ ހައިކޯޓަށް ހުށަހަޅާފައި ވާއިރު، ރައީސް މުއިއްޒުއަށް ސިހުރު ހެދިކަމަށް ތުހުމަތުކޮށް ފުލުހުން ދަނީ މި މައްސަލަ ތަހުގީހު ކުރަމުންނެވެ. މި މައްސަލަ އާ ގުޅިގެން މީގެ ކުރިން ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ރައީސް މުއިއްޒުއަށް ސިހުރު ހެދި ކަމަށް ބުނާ މައްސަލައެއް ރައީސް ނޫނީ އެމަނިކުފާނުގެ އާއިލާއިން ވެސް ހުށަހަޅާފައި ނުވާކަމަށެވެ.

މި މައްސަލަ އާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ކަމާ ބެހޭ އިދާރާތަކުން ހާމަކޮށްފައި ނުވާއިރު ޝަމްނާޒްގެ ފަރާތުންވެސް މިކަމުގެ އެއްވެސް މައުލޫމާތެއް ހިއްސާ ކޮށްފައެއް ނުވެއެވެ.