ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ގެނެސް، ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ އާމްދަނީން ބައެއް ކައުންސިލްތަކުގެ ބަޖެޓަށް ޖަމާކުރާ ގޮތަށް ނިންމި ނިންމުން މާ ލަސްތަކެއް ނުވެ ތަންފީޒުކުރައްވާނެ ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ނާރެސް ޕޯޓަލާއި 'ކުރަނގި' އޮޕަރޭޝަންގެ ދެވަނަ ފިޔަވަހި އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކައުންސިލްތައް ބާރުވެރިކުރުމަށްޓަކައި ކުރެވޭ މަސައްކަތުގެ ތެރެއިން ރަށްރަށުގައި ދިރިއުޅޭ އާންމުންނަށް މާލެ ނައިސް އަސާސީ ހިދުމަތްތައް ހޯދޭނެ ނިޒާމެއް ގާއިމްކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށާއި، އެކަން އެގޮތަށް ކުރުމަށް މިހާރު އިއުލާނުކޮށްފައިވާ ކަމަށެވެ.

"ކޮންމެ އަތޮޅަކުން، ކޮންމެ އަތޮޅު ވެރިކަންކުރާ ރަށަކުން، ޕާސްޕޯޓު ހެދޭނެ ގޮތަށް ލިބޭނެ ގޮތަށް އައިޑީކާޑު ކޮންމެ ރަށަކުން ލިބޭނެ ގޮތަށް، މިފަދަ ގިނަ ކަންތައްތަކެއް،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކައުންސިލްތައް ބާރުވެރިކޮށް، އާންމުން އެދޭ ކަންކަން ކައުންސިލްތައް ލައްވާ ކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށާއި، އެގޮތަށް ކައުންސިލްތައް ބާރުވެރިކުރުވުމަށްޓަކައި ސަރުކާރުން މަގުފަހިކޮށްދޭނެ ކަމަށެވެ.

"އަޅުގަނޑު އިއުލާނުކޮށްފަވާ ގޮތަށް، އިރާދަކުރެއްވިއްޔާ ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލާއި މި ކަންކަން ކުރުމާ އެކީގަ، ރާއްޖެއަށް ޓޫރިޒަމްގެ ދާއިރާއިން ލިބޭ އާމްދަނީގެ ތެރެއިން ވަކި އިންސައްތައެއް ކައުންސިލްތަކުގެ ބަޖެޓަށް ޖަމާކުރާ ގޮތަށް އެ ނިންމި ނިންމުންވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މާ ލަސްތަކެއްނުވެ ތަންފީޒުކުރަން ފަށާނަން،"
ރައީސް ޑރ. މުހައްމަދު މުއިއްޒު

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ސަރުކާރުގެ އަމާޒަކީ ކައުންސިލްތަކަކީ އެންމެ ފުރިހަމައަށް މަސައްކަތްކުރާ ބަޔަކަށް ހެދުމެވެ.