އާބާދީ މަދު ރަށްރަށުގައި ތިން ކައުންސިލަރުން ތިބުމުން ފުދޭނެ ކަމަށާއި، އޭގެ ތެރެއިން އެއް ކައުންސިލަރަކީ އަންހެން ކައުންސިލަރަކަށް ވުން ރަނގަޅު ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ނާރެސް ޕޯޓަލާއި 'ކުރަނގި' އޮޕަރޭޝަންގެ ދެވަނަ ފިޔަވަހި އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އާންމުންނަށް އެކަށޭނަ ގޮތެއްގައި ހިދުމަތްދެވޭ ފަދަ ގޮތަކަށް ލާމަރުކަޒީ ނިޒާމު ބައްޓަންކުރަން ޖެހޭ ކަމަށާއި، މިކަމާ ގުޅުންހުރި ގާނޫނުތަކަށް އިސްލާހު ގެނެވި، ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފެށެންވާއިރަށް މި ބަދަލުތައް ބައްޓަންކުރެވިގެން ދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، އާބާދީގެ ގޮތުން ކުދި ރަށްރަށުގައި ވެސް ފަސް ކައުންސިލަރުން ތިއްބަވާ ކަމަށާއި، އެހެންވެ ކޮންމެ މަހަކު ވެސް ގިނަ ހަރަދުބަރަދު ކުރަން ޖެހި، ރަނގަޅު ނަތީޖާއެއް މިހާރު ނުނިކުންނަ ކަމަށެވެ. އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި، ކައުންސިލަރުންގެ އަދަދު މަދުކޮށްގެން ވެސް ކައުންސިލްތަކުން ނަތީޖާ ނެރެވޭނެއެވެ.

މިކަމަށް ހައްލެއް ހޯދުމަށްޓަކައި ކުރިއަށް އޮތް ދުވަސްތަކުގައި ދިރާސާއެއް ކުރެވެމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިކަމުގައި އެމަނިކުފާނުގެ ހިޔާލުފުޅު ވެސް ހުށަހެޅުއްވިއެވެ.

"އަޅުގަނޑު ހިތުން 3،000 މީހުންނަށް ވުރެ ގިނަ ނޫން އާބާދީ އޮންނަ ރަށްރަށުގައި ތިން ބޭފުޅަކު، ތިން މީހަކު އިންތިހާބުކުރީމަ ފުދޭނެ، ކައުންސިލްގެ ރައީސަކާއި އަދި އިތުރު ދެ ބޭފުޅުން، އޭގެ ތެރެއިން އެއް ބޭފުޅަކީ އަންހެނުންގެ ފަރާތުން އިންތިހާބުކުރާ އަންހެނުންގެ ރައީސާއަކަށް ވުމަށް، އަދި އެއް ބޭފުޅަކީ ޒުވާނުންގެ ފަރާތުން އިންތިހާބުކުރެވޭ ޒުވާނުންގެ ރައީސެއްގެ ގޮތުގައި ހުންނަ މީހަކަށްވެ، ތިން ބޭފުޅުން ތިބެ، ކައުންސިލްގެ ރައީސްގެ ގޮތުގައި ހޮވާ މީހާގެ އިތުރަށް ދެން ހޮވާ ދެ ބޭފުޅުންގެ ތެރެއިން އެކަކު އެއީ ކާކުކަން ކައުންސިލްގެ ނައިބު ރައީސަކީ، އެ ވޯޓުގެ ތެރެއިން ރައްޔިތުން ހިޔާރުކުރީމަ ކައުންސިލްގެ ރައީސަކާއި ނައިބު ރައީސަކާ ހުރެ، އަދި އިތުރު ބޭފުޅަކު ހުންނާނެ،"
ރައީސް ޑރ. މުހައްމަދު މުއިއްޒު

"އެހެންވީމާ އަންހެނުން ރެޕްރެޒެންޓް ކުރެވި، ޒުވާނުން ރެޕްރެޒެންޓް ކުރެވިގެން ވެސް އެބަދޭ،" ރައީސް ކުރިއަށް ގެންދެވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، މިފަދަ އިސްލާހެއް ގެނައުމުން، ކައުންސިލްތަކުގައި މަސައްކަތްކުރާ މަދަނީ މުވައްޒަފުންގެ މުސާރަ ބޮޑުކުރެވި، ކައުންސިލްތަކުން ދެވޭ ހިދުމަތްތައް ރަނގަޅުވެގެން ދާނެއެވެ. ރައީސް އިތުރަށް ވިދާޅުވި ގޮތުގައި:

  • 3،000 އަށް ވުރެ އާބާދީ ބޮޑު ރަށްރަށުގައި ތިން ކައުންސިލަރުންނަށް ވުރެ ގިނަވުން ރަނގަޅު
  • 3،000 އާއި 10،000 އާ ދެމެދުގެ އާބާދީތަކަށް ފަސް ކައުންސިލަރުން ތިބުމަކީ ރަނގަޅު ގޮތަކަށް ވާނެ

ރައީސް ވިދާޅުވީ، ކައުންސިލަރުންގެ އަދަދު މަދުކޮށް ދޭ ހިދުމަތްތައް

އެކަމަކު މިކަން ނިންމާނީ ފަންނީ ދިރާސާތަކުގެ އަލީގަ، އަދި ސިޓީތަކުގަ އެ ނޫން ފޯމިއުލާއެއް އެކަމަކު މިހާރަށް ވުރެ ގިނަނުވާ ގޮތަށް ރަނގަޅަށް ދެވޭނެ ކަމަށާއި، ކައުންސިލްތަކުން މަސައްކަތްކުރަން ވާނީ ނަތީޖާ ނެރެވޭނެ ފަދަ ގޮތަކަށް ވިސްނުން ބަހައްޓައިގެން ކަމަށެވެ.

ހަމަ އެހެންމެ މަސްތުވާތަކެތީގެ ވަބާ އާއި ކުށްތަކަށް އަރައިގަތުން ފަދަ ބޮޑެތި މައްސަލަތައް ހައްލުކުރުމުގައި ވެސް ކައުންސިލްތަކުގެ ދައުރު ބޮޑުކަން ރައީސް ފާހަގަކުރެއްވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކައުންސިލަރުންގެ އަދަދު ދަށްކޮށްފައި އޮއްވައި، ލާމަރުކަޒީ ގާނޫނަށް 2020 ވަނަ އަހަރު އިސްލާހު ގެނެސް ކައުންސިލަރުންގެ އަދަދާއި މުސާރަ އާއި މުއްދަތު އިތުރުކުރީ އެމްޑީޕީގެ ސަރުކާރުންނެވެ. އެގޮތުން އާބާދީ ކިތަންމެ ކުޑަ ރަށެއްގައި ވެސް ފަސް ކައުންސިލަރުން ތިބޭ ގޮތަށް، އާބާދީ ބޮޑެތި ރަށްރަށުގައި ހަތް ކައުންސިލަރުން ތިބޭ ގޮތަށް އެ ގާނޫނު އޭރު އިސްލާހުކުރިއެވެ.