“އެމްޑީޕީ ރޯޑްމެޕް” ނަމުގައި ޕާޓީގެ އިދާރީ ހިންގުން ހަރުދަނާކުރުމަށް މަގުޗާޓެއް އެކުލަވާލުމަށް، އެ ޕާޓީގެ އާންމު މެންބަރުންގެ ހިޔާލު ހޯދުމަށް ކުރާ ސިލްސިލާ ދަތުރުތައް މިއަދު ފަށައިފިއެވެ.

މި ސިލްސިލާގެ ފުރަތަމަ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ އައްޑޫ، ފުވައްމުލައް އަދި ތިނަދޫ ސިޓީ އާއި ހުވަދޫ އަތޮޅުގެ ހުރިހާ ދާއިރާތައް ހިމެނޭ ރަށްތަކަށެވެ. އިތުރަށް އެމްޑީޕީއިން ބުނީ މި ސިލްސިލާ ދަތުރުތަކުގެ މައިގަނޑު މަގްސަދަކީ ޕާޓީގެ ކުރިމަގު ހަރުދަނާ ކުރުމަށް ކުރާ މަސައްކަތްތަކަކީ އާންމު މެންބެރުންގެ ބައިވެރިވުމާ ހިޔާލާ މަޝްވަރާއާއެކު ކުރެވޭ މަސައްކަތްތަކެއްކަން ކަށަވަރުކުރުން ކަމަށެވެ.

އެމްޑީޕީއިން ބުނީ މިއީ "އެމްޑީޕީ ރޯޑްމެޕް” ނަމުގައި ޕާޓީގެ އިދާރީ ހިންގުން ހަރުދަނާކުރުމަށް މަގުޗާޓެއް އެކުލަވާލުމަށް ޖޫން މަހުގެ 11 ވަނަ ދުވަހު ޕާޓީގެ ގައުމީ މަޖިލީހުން ނިންމުމާ ގުޅިގެން އެ މަގުޗާޓާއި ގުޅޭ މައުލޫމާތު ޕާޓީގެ އާންމު މެންބެރުންނާ ހިއްސާކޮށް ހިޔާލާ މަޝްވަރާ ހޯދުމަށް ކުރާ ދަތުރުތަކެއް ކަމަށެވެ. އިތުރަށް އެ ޕާޓީން ބުނީ މިދަތުރުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް، ޗެއާޕާސަންގެ ނައިބު އަހުމަދު އަބްދުالله އަދި ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ބައިވެރިވެވަޑައިގަންނަވާނެކަމަށެވެ.

އެމްޑީޕީއިން ބުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްފަހު ޕާޓީގެ ހިންގުން ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ. އެގޮތުން އެމްޑީޕީ އަކީ އިންތިޒާމުވެގެން ހިންގާ މުއައްސަސާއަކަށް ހެދުމަށް ޕާޓީގެ އޮނިގަނޑަށާ އަސާސީ ގަވާއިދަށް ބަދަލުތަކެއް ގެނައުމަށް މަގުޗާޓެއް އެކެލަވާލާފައިވާކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

އިތުރަށް އެމްޑީޕީއިން ބުނީ އެ ޕާޓީގެ ޗެއާޕާސަންގެ އިސްނެންގެވުމުގެ މަތިން ޒަމާނާ އެއްގޮތަށް ޕާޓީގެ ހިންގުން ހަރުދަނާ ކުރުމަށް އެކުލަވާލެވުނު މި ރޯޑްމެޕް މިހާތަނަށް ޕާޓީގެ އެކި ދާއިރާތަކުގެ އިސް ސަފުގައި މަސައްކަތްކުރާ ހާހަކަށްވުރެ ގިނަ މެންބަރުންނާ ހިއްސާކޮށް މައުލޫމާތު ބަދަލުކުރެވި އެފަރާތްތަކުގެ ހިޔާލު ހޯދާފައިވާކަމަށެވެ. އަދި ދިވެހިރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ސިޔާސީ ޕާޓީތަކުގެ ދައުރު ނުހަނު މުހިއްމުކަމަށާއި ސިޔާސީ ޕާޓީތަކަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ މައި އެއްތަނބު ކަމަށް އެ ޕާޓީން ވަނީ ފާހަގަކޮށްފައެވެ.

މި ސިލްސިލާގެ ފުރަތަމަ ދަތުރު ނިންމާލުމަށްފަހު ޕާޓީގެ ޗެއާޕާސަން އަދި ވަފްދު އެނބުރި މާލެ ވަޑައިގަންނަވާނީ 22 ޖުލައި ވާ ހޯމަ ދުވަހުއެވެ.