ގުރުއާނާ ބެހޭ ދާއިމީ މައުރަޒެއް ރާއްޖޭގައި ގާއިމުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މެނިފެސްޓޯގެ ވައުދުތަކާ އެއްގޮތަށް އެ ފުޅާ މިނުގައި ގުރުއާނާ ބެހޭ ކަންކަން ކުރިޔަށް ގެންދިޔުމަށް ޓަކައި ކީރިތި ގުރުއާނާ ބެހޭ މަރުކަޒެއް އަލުން އިމާރާތްކުރުމަށް ބިމެއް ހަމަޖެހިގެންދާނެ ކަމަށެވެ.

"ޒަމާނީ ޓެކްނޯލޮޖީގެ އެހީގައި ތައްޔާރުކޮށް އާންމުކުރެވޭ ކީރިތި ގުރުއާނާ ބެހޭ ހާއްސަ ދާއިމީ މައުރަޒެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ގާއިމުކުރަން ވެސް އަޅުގަނޑު ގަސްތުކުރަން، މާތް ﷲގެ ވާގިފުޅާއެކު އެ ކަން ވެސް ހަގީގަތަކަށް ހަދާނަން" ރައީސް ވިދާޅުވި އެވެ.

އަދި ހަމައެހެންމެ މާލޭގައި ހުރީ "ދާރުލް އީމާން"ގެ އިތުރުން އިތުރު ވަގުފް އިމާރާތްތަކެއް ސަރުކާރުން ގާއިމްކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ދާރުއްސަލާމް"ގެ ނަމުގައި އާ ވަގުފު އިމާރާތެއް އެޅުމަށް ޓަކައި މަސައްކަތްކުރެވެމުން އެބަދޭ. ހަމަ އެހެންމެ "ދާރުލްއަރްގަމް"ގެ ނަމުގައި އެހެން ވަގުފު އިމާރާތެއް އެޅުމަށް ބިމެއް ހަމަ ޖެހި އެ ބިން ރަޖިސްޓްރީ ކުރުމުގެ މަސައްކަތް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިހާރު ކުރިޔަށް ގެންދަވާނެ"
ރައީސް

ރައީސް ވިދާޅުވީ، ގުރުއާނަކީ އުފެދެމުން ތަރުބިއްޔަތުވަމުން އަންނަ ޖީލުގެ އަމަލީ ހަޔާތުގެ އެންމެ މުހިންމު ބައިވެރިޔާ ކަމަށް ހެދުމަށް މި ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ. އަދި ގުރްއާން އުނގެނުމާއި އުނގަންނާ ދިނުމުގެ ދާއިރާއަށް އަދި އަހްލާގާއި ސުލޫކަށް އިންގިލާބީ އިސްލާހީ ބަދަލެއް އަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އޭގެއިތުރުން ރައީސް ވަނީ ގައުމީ ގުރުއާން މުބާރާތަކީ ރާއްޖޭގައި ކޮންމެ އަހަރަކު ބޭއްވޭ، އިނާމުތައް އެންމެ އަގުބޮޑު، އަދި އިނާމުތައް އެންމެ ގިނަ މުބާރާތް ކަމުގައި މި އަންނަ އަހަރުން ފެށިގެން ވެގެންދާނެ ކަމަށް ވެސް ރައީސް މިރޭގެ ވިދާޅުވި އެވެ.

އަދި، ހާފިޒުން އިތުރުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތައް މިހާރަށްވުރެވެސް އިތުރުކޮށް، ރާއްޖޭގައި ހިލޭ ގުރުއާން ކިޔަވަން ދަސްކޮށްދޭ ކްލާސްތައް އިތުރުކޮށް އެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.