އަންނަ އަހަރުން ފެށިގެން ކީރިތި ގުރާން ކިޔެވުމުގެ މުބާރާތަކީ އެންމެ އަގު ބޮޑެތި އަދި އެންމެ ގިނަ އިނާމުތައް ލިބޭ މުބާރާތައް ހައްދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައި ވަނީ ކީރިތި ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތް ނިންމުމުގެ ޖަލްސާ​ގައި މިރޭ ވާހަަކަފުޅު ދައްކަވަަމުންނެވެ.

ކީރިތި ގުރުއާނަކީ ހިތްތަކުގެ ނޫރުކަމަށާއި، ކީރިތި ގުރުއާނަކީ އިންސާނާގެ ދެ ދުނިޔޭގެ ބާއްޖަވެރިކަމަށް މަގުދައްކައިދޭ އިލާހީ ދަންމަރުކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ސައްތައިން ސައްތަ އިސްލާމީ ދިވެހިރާއްޖޭގައި ކީރިތި ގުރުއާން ކިޔެވުމުގެ ފަންނު ކުރިއަރައިދާ މަންޒަރު ފެނުމަކީ ލިބޭ ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

އަދި ހަމައެހެންމެ އިސްލާމުންގެ ހަޔާތުގެ ހުރިހާ ކަމެއް ބައްޓަންވެގެންދަނީ އެ މާތް ފޮތުގެ ވަށައިގެންކަމަށާއި އެހެންކަމުން ކީރިތި ގުރުއާނަކީ އުފެދެމުން ތަރުބިއްޔަތުވަމުން އަންނަ ޖީލުގެ އަމަލީ ހަޔާތުގެ އެންމެ މުހިންމު ބައިވެރިޔާކަމުގައި ހެދުމަށް މި ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއް ދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ ރާއްޖޭގައި ބޭއްވޭ އެންމެ އަގު ބޮޑު މުބާރާތައް އަންނަ އަހަރުން ފެށިގެން ހައްދަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ކީރިތި ޤުރްއާން ކިޔެވުމުގެ މުބާރާތަކީ މި ރާއްޖޭގައި ކޮންމެ އަހަރަކު ބޭއްވޭ، އިނާމުތައް އެންމެ އަގުބޮޑު، އަދި އިނާމުތައް އެންމެ ގިނަ މުބާރާތްކަމުގައި މި އަންނަ އަހަރުން ފެށިގެން ހަދާނަން."
ރައީސް މުއިއްޒު

މި ލޮބުވެތި ދިވެހި ފަސްގަނޑުގައި ކީރިތި ގުރުއާން އުނގެނުމާއި އުނގަންނާ ދިނުމުގެ ދާއިރާއަށާއި އަޅުގަނޑުމެންގެ އަހްލާގާއި ސުލޫކަށް އިންގިލާބީ އިސްލާހީ ބަދަލެއް އަންނާނެކަމަށާއި އެމަނިކުފާނު ދެކެން ބޭނުންވަނީ އެދުވަސްކަން ފާހަގަކުރައްވައި ރައީސް ވަނީ ކީރިތި ގުރުއާނަށް މި ދިވެހި ފަސްގަނޑުން ހައްގ މަތިވެރި ދަރަޖައާއި ޖާގަ ދިނުމުގައި މި ސަރުކާރު ފިސާރި ދީލަތިވާނެކަން ފާހަގަކުރައްވާފައެވެ.