އިއްޔެ އަވަހާރަވި ވިޔަފާރިވެރިޔާ ހުސައިން ޝަރީފް (ބޮލިފުށި ޝަރީފް) އަކީ ގައުމީ ހިދުމަތްތެރިއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބޮލިފުށި ރިސޯޓުގެ މައި ހިއްސާދާރު، ޝަރީފް އިއްޔެ އަވަހާރަވެފައި ވަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށެވެ. އޭނާ ނިޔާވީ ކޮން ކަމަކާ ގުޅިގެން ކަމެއް ސާފެއް ނުވެއެވެ.

ޝަރީފް އަވަހާރަވުމާއި ގުޅިގެން ރައީސް މިއަދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޝަރީފަކީ ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާގައި ތަޖްރިބާކާރު ގައުމީ ހިދުމަތްތެރިއެއް ކަމަށެވެ. އަދި އެ ބޭފުޅާއަކީ މިސްކިތް ބިނާކުރެއްވުމާ، ނިކަމެތީންނަށާއި ޖަމާއަތްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވުން ފަދަ ކަންކަމުގައި އިހްސާންތެރި ބޭފުޅެއް ކަމަށް ރައީސް ވަނީ ސިފަ ކުރައްވާފައެވެ.

"މަރުހޫމް ހުސައިން ޝަރީފް އަވަހާރަވުމުގެ ހިތާމައިގާ ބައިވެރިވެ އާއިލާއަށް ތައުޒިޔާ ދަންނަވައި ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި ދުއާކުރަމެވެ."
ރައީސް މުއިއްޒު

ރައީސްގެ އިތުރުން އިސްލާމިކް މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ވަނީ ޝަރީފްގެ ދީލަތިކަމާ ގުޅޭ ގޮތުން ތައުރީފް ކުރައްވާފައެވެ.

އެގޮތުން ޝަހީމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މީގެ ދެ މަސް ކުރިން ޝަރީފާ އެކު ބޭއްވެވި އެންމެ ފުރަތަމަ ބައްދަލުވުމާ ގުޅޭ ބައެއް ކަންކަން ހިއްސާ ކުރައްވަމުން ވިދާޅުވީ، އެ ބައްދަލުވުމުގައި، އަމިއްލަ ހަރަދުގައި މާލޭގެ އިބްރާހިމީ މިސްކިތް އަލުން ބޮޑުކޮށް، ގުއްބު ލާފައި ހެދުމަށް ޝަރީފް ހުށަހެޅުން ހުށަހެޅުއްވި ކަމަށާއި އެ ޕްރޮޕޯސަލްއަށް މިނިސްޓްރީން ވަނީ ހުއްދަ ވެސް ދިން ކަމަށެވެ.

އަދި ހަމައެހެންމެ އިތުރު މިސްކިތްތައް ރާއްޖޭގައި ގާއިމް ކުރުމަށް ބޭނުންވާ ކަމަށް ވިދާޅުވުމުން، އެކަމަށް އެހީތެރިވެދެއްވާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި ކަމަށް ޝަހީމްގެ ޕޯސްޓުގައި ވެއެވެ.

"ޝަރީފް] އެެއްސެވީ، ކިހާ ވަރެއްތޯ ބޭނުންވަނީ؟ އަޅުގަނޑުމެން މިސްކިތް އެޅޭނެ އަދަދު ދެންނެވީމަ، ވަގުތުން ވަގުތަށް އެކަން ވެސް ހަމަޖައްސަވައިދެއްވާނެ ކަމަށް ވިދާޅުވި، އެ ދުވަހު އަޅުގަނޑު ހިތަށް އެރި ރާއްޖޭގައި ހާދަ ދީލަތި މީހުން އުޅޭ. ޝަރީފަކީ ހާދަ ދީލަތި ބޭފުޅެކޭ."
އިސްލާމިކް މިނިސްޓަރު، ޝަހީމް

ޝަރީފް އަވަހާރަވެފައި ވަނީ އުމުރުން 64 އަހަރުގައެވެ. އޭނާއަކީ ރިސޯޓް ހިންގެވުމުގެ އިތުރުން ވެސް އެކި ވިޔަފާރިތަކުގައި އުޅުއްވާ ބޭފުޅެކެވެ. އަދި މާލޭގެ ވަރަށް ގިނަ މިސްކިތްތަކަށް އެކި ގޮތްގޮތުން އެހީތެރިވާ ބޭފުޅެވެ.

އޭނާއަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދުގެ ބޭބެ އެވެ.