ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާގެ ސަފީރު މޫނޫ މަހާވަރާ އެކު، ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރާނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު އިންޑިއާގެ ސަފީރު ރައީސް އޮފީހަށް ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގައި، ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ގުޅުން ވަރުގަދަ ކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުންނާއި އިންޑިއާއިން ރާއްޖޭގައި ހިންގަމުންދާ މަޝްރޫއުތަކާ ގުޅެ ގޮތުން މަޝްވަރާ ކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި އިންޑިއާގެ ސަފީރު ވަނީ، އެގައުމުގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ އާ ދައުރަކަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ގަބޫލުކުރައްވައި ރައީސް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގެންނެވީތީ ޝުކުރު އަދާކުރައްވައިފައެވެ. އަދި ދެ ގައުމުން ފައިދާހުރި އެތައް މަސައްކަތެއް ކުރެވެމުންދާ ކަން ފާހަގަކުރައްވައި، އިންޑިއާއިން ދިވެހީންނަށް އެހީތެރިވުމުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

ރާއްޖޭގެ ތަރައްގީއަށާއި ދިވެހީން އެހީތެރިކަމަށް އެދޭ ވަގުތުތަކުގައި އިންޑިއާއިން އަހައްމިއްޔަތުކަން ދެމުންދާ ކަން ފާހަގަކުރައްވައި، ރައީސް ވަނީ، އިންޑިއާގެ ބޮޑުވަޒީރު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުން ބެހެއްޓި ގާތްކަން ފާހަގަކުރައްވައި، ސަފީރަށް ޝުކުރު އަދާކުރައްވައިފައެވެ.

ރައީސް އޮފީހުން ބުނީ، ދެ ބޭފުޅުން މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކޮށް، އެއްބާރުލުން އިތުރުކުރުމުގެ އުންމީދީ ވާހަކަތަކާ އެކު ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ބައިވެރިވެވަޑައިގެންނެވި ކަމަށް ވެސް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.