ކައުންސިލްތަކުން ދެން ދެ ފުރޮޅުލީ އުޅަނދު ރަޖިސްޓްރީކޮށްދެވޭނީ އެ ކައުންސިލް ހިމެނޭ ޒޯނަކަށްކަމަށް ޓްރާންސްޕޯޓް މިނިސްޓްރީ އިން ބުނެފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ އިން ބުނީ ކައުންސިލްތަކަށް އުޅަނދު މިހާރު ރަޖިސްޓްރީ ކޮށްދެވޭނީ އެ ކައުންސިލެއް ހިމެނޭ ރަށެއް ނުވަތަ ސިޓީއެއް ނުވަތަ އަތޮޅެއް ހިމެނޭ ޒޯނަކަށް ކަމަށާއި އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދުގެ 11 ވަނަ މާއްދާގައި ރާއްޖޭގައި ދުއްވާ އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދެވޭނެ ޒޯންތައް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ. އެ ޒޯންތަކަކީ:

  • ޒޯން އޭ
  • ޒޯން ބީ
  • ޒޯން ސީ

ޒޯން އޭ ގައި މާލެއާއި ހުޅުމާލެ ހިމެނޭއިރު ޒޯން ބީގައި ހިމެނެނީ ހއ، ހދ، ލ، ގއ، ގދ، ޏ އަދި ސ އަތޮޅުގައި ހިމެނޭ ރަށްތަކެވެ. އަދި ޒޯން ސީގައި ހިމެނެނީ ށ، ނ، ރ، ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ އަދި ތ އަތޮޅުގައި ހިމެނޭ ރަށްތަކެވެ.

މީގެކުރިން އެއްގަމު އުޅަނދު ބޭނުން ޒޯނަކަށް ރަޖިސްޓްރީކުރުމުގެ ހުއްދަ ކައުންސިލްތަކަށް ވަނީ ދީފައެވެ. ނަމަވެސް މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން އެ ހުއްދަ ވަނީ ނަގާފައެވެ.

އުޅަނދު ރަޖިސްޓްރީ ކޮށްފައިވާ ޒޯން ފިޔަވާ އެހެން ޒޯނެއްގައި ދުއްވޭނީ ޓްރާންސްޕޯޓް މިނިސްޓްރީން ނުވަތަ އެ މިނިސްޓްރީން ހުއްދަ ދީފައިވާ ފަރާތަކުން ލިޔުމުން ހުއްދަ ހޯދުމަށްފަހުކަމަށް އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވައިދުގައި ވަނީ ބަޔާންކޮށްފައެވެ. އެހެންކަމުން ހުއްދަ ނުހޯދައި ރަޖިސްޓްރީކޮށްފައިނުވާ ޒޯނެއްގައި ދުއްވުމަކީ މަނާ ކަމެކެވެ.