ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ލެޖެންޑް ޖޭޖޭ އޮކޯޗާ އާއި ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ޑިޑިއޭ ޑޯމީ އުރީދޫގެ ދައުވަތަކަށް މި މަހުގެ 3 ވަނަ ދުވަހު ރާއްޖެ އައިސްފައިވާއިރު، މި ދަތުރުގައި ޕީއެސްޖީ އެކަޑަމީން ރާއްޖޭގައި ހާއްސަ ފުޓުބޯޅަ ކޯޗިން ކްލިނިކެއް ބާއްވައިފިއެވެ.

އުރީދޫ އިން ބުނީ މާލެ ސިންތެޓިކް ޓްރެކްގައި ބޭއްވި މި ހަރަކާތުގެ މަގުސަދަކީ ފުޓްބޯޅައަށް ޝައުގުވެރިވާ ޒުވާން ކުޅުންތެރިންނަށާއި ކޯޗުންނަށް ކުޅިވަރުގެ އެންމެ ހުނަރުވެރި އަދި ޝަރަފުވެރި ޕީއެސްޖީ އެކަޑަމީގެ ތަޖުރިބާކާރު ކޯޗުންގެ ކިބައިން އުނގެނުމުގެ ހާއްސަ ފުރުސަތެއް ފަހިކޮށްދިނުން ކަމަށެވެ. މި ކޯޗިން ސެޝަންގައި 120 ޒުވާން ކުޅުންތެރިން ބައިވެރިވިއިރު، ކުރީގެ ކުޅުންތެރިޔާ އަދި ގަތަރުގެ ޕީއެސްޖީ އެކަޑަމީގެ މިހާރުގެ ޓެކްނިކަލް އެޑްވައިޒަރު ޑިޑިއޭ ޑޯމީ ވެސް މި ކޯޗިން ކްލިނިކުގައި ވަނީ ބައިވެރިވެފައެވެ.

ޕީއެސްޖީ އެކަޑަމީ އަކީ އެ ކްލަބުގެ އަމިއްލަ އުސޫލުތަކެއް ބޭނުންކޮށްގެން ޒުވާން ހުނަރުވެރިން ތަރައްގީކުރާ ދުނިޔޭގެ ފެންވަރުގެ ތަމްރީނު ޕްރޮގްރާމްތަކެއް ހިންގަމުން އަންނަ އެކަޑަމީއެކެވެ. ޕީއެސްޖީ އެކަޑަމީ ސެޝަންތަކަކީ ފުޓްބޯޅައިގެ ހުނަރު ތަރައްގީކޮށް، ޓީމްވޯކް ކުރިއަރުވައި، އަންނަން އޮތް ޖީލުގެ ފުޓްބޯޅަ ކުޅުންތެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ސެޝަންތަކެކެވެ. މި ސެޝަންތަކުގައި ޖޭޖޭ އޮކޯޗާ ވަނީ އަމަލީ ގޮތުން ބައިވެރިވެފައެވެ.

ޖޭޖޭ އޮކާޗާ އަކީ އެޓޭކިން މިޑްފީލްޑަރެއްގެ ގޮތުގައި ކުޅުނު ނައިޖީރިއާގެ ކުރީގެ ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުންތެރިއެކެވެ. އޭނާ ވަނީ 1993 ވަނަ އަހަރުން ފެށިގެން 2006 ވަނަ އަހަރާ ހަމައަށް ނައިޖީރިއާގެ ގައުމީ ޓީމަށް 73 ކެޕް ކާމިޔާބުކޮށް، 14 ލަނޑު ކާމިޔާބުކޮށް، ފީފާ ވޯލްޑް ކަޕްގެ ތިން ސްކޮޑުގައި ހިމެނިފައެވެ.

އެފްރިކާގެ އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގައި ފާހަގަކުރެވޭ ޖޭޖޭ އޮކާޗާ ފްރާންސްގެ ޕީއެސްޖީ އަށް ގެނައުމަށް 1998 ވަނަ އަހަރު ގާތްގަނޑަކަށް 14 މިލިއަން ޕައުންޑް ހަރަދުކުރިއެވެ. އޭނާ ވެގެން ދިޔައީ އޭރު އެފްރިކާގެ އެންމެ އަގުބޮޑު ކުޅުންތެރިޔާއަށެވެ. މީގެއިތުރުން ޕީއެސްޖީގައި ހޭދަކުރި ހަތަރު އަހަރުގެ ތެރޭގައި އޭނާ ވަނީ 84 މެޗު ކުޅެ 12 ގޯލު ޖަހާފައެވެ. އޭނާ ވަނީ ޕެރިހުގައި ހޭދަކުރި ދުވަސްވަރު ބްރެޒިލްގެ ޒުވާން ފުޓުބޯޅަ ކުޅުންތެރިޔާ ރޮނާލްޑީނިއޯގެ މެންޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައެވެ.