ކުއްޖާގެ ފުރަތަމަ 1000 ދުވަހަށް އަމާޒުކޮށްގެން ތައްޔާރު ކުރެވިފައިވާ "ތުއްތު ދަރިފުޅުގެ "މިންހެޔޮ ކާނާ ފޮތް" ލޯންޗުކޮށްފިއެެވެ.

މިއަދު ހެނދުނު މިނިސްޓްރީ އޮފް ހެލްތުގެ މޫމިނާ ހާލިމް މާލަމްގައި ވަނީ ބޭއްވި ރަސްމިއްޔާތުގައި މި ފޮތް ލޯންޗުކޮށްދެއްވީ ހެލްތު މިނިސްޓަރު ޑރ.އަބްދުﷲ ހަލީލްއެވެ. މިބައްދަލުވުމުގައި ޔުނިސެފް އިން ރާއްޖެއަށް ކަނޑައަޅާފައިވާ ޑެޕިއުޓީ ރެޕްރެޒެންޓެޓިވް, އިސީ ފޭންގޯލްޑް ބައިވެރިވެ ވަޑައިގެންނެވި. މީގެ އިތުރުން ކަމާގުޅުންހުރި ބައެއް ވުޒާރާތަކާ، ސިއްހީ ހިދުމަތްތެރިންނާ، އަމިއްލަ ޖަމްއިއްޔަތަކާ، އަދި ގުޅުންހުރި އެހެނިހެން އިދާރާތަކުން ވަނީ ބައިވެރިވެފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ބުނީ ތުއްތު ދަރިފުޅުގެ މިންހެޔޮ ކާނާ ފޮތަކީ ކުޑަކުދިންގެ ނިއުޓްރިޝަންގެ ހާލަތު ރަނގަޅުކޮށް، ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކުއްޖާގެ ފުރަތަމަ 1000 ދުވަހަށް އަމާޒު ކޮށްގެން އެ އެޖެންސީ އާއި ޔުނިސެފް ގުޅިގެން އެކުލަވާލެވިފައިވާ "ސޯޝަލް އެންޑް ބިހޭވިއާ ޗޭންޖް ކޮމިއުނިކޭޝަން ސްޓްރެޓަޖީ" ގެ ދަށުން ކުރެވޭ މުހިއްމު މަސައްކަތެއްކަމަށެވެ.

"ތުއްތު ދަރިފުޅުގެ މިންހެޔޮ ކާނާ" ތައްޔާރު ކުރެވިފައި ވަނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އާއި ޔުނިސެފް އަދި އެޑްވަކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) ގުޅިގެންނެވެ. މިފޮތު ގެ އީ-ބުކް ވާޝަން މިއަދުން ފެށިގެން މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓުން ފެންނަން ހުންނާނެކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ. އަދި މި ފޮތުގައި ހަމަސް ފުރުމުން ދަރިފުޅަށް ދޭނެ ފައިދާ ހުރި ކާނާ ފަށާނެ ގޮތާ ފައިދާ ހުރި ތަފާތު ކާނާ އިހުތިޔާރު ކުރާނެ ގޮތް އަދި ކެއިން ބުއިމުގެ އާދަކާދަތައް ބައްޓަން ކުރާނެ ގޮތުގެ މައުލޫމާތު ހިމެނިފައިވާނެކަމަށް އެ އެޖެންސީ އިން ވަނީ ބުނެފައެވެ.

މި ފޮތުގައި ޖުމްލަ 30 ރެސިޕީ ހިމެނޭއިރު މި ރެސިޕީތައް އަމާޒު ކޮށްފައިވަނީ އުމުރުން 6 މަހާއި 23 މަހާ ދެމެދުގެ ކުދިންނަށެވެ.

ފޮތުގައި ހިމެނޭ ބައެއް މައުލޫމާތުތައް :

1- އަލަށް ކާންދޭ ފަށާއިރު ބަލަންވީ ކަންކަން.

2- ތަފާތު ކާނާގެ ބާވަތްތަކާއި ލިބޭ ފައިދާ އަދި ކާންދިނުމުގައި އިތުރަށް ސަމާލުވާންވީ ކަންކަން.

3- ކާނާ ރައްކާތެރި ކަމާއެކު ތައްޔާރުކޮށް ރައްކާ ކުރުން.

4- ދަރިފުޅު ނުކާން އުޅުން ނުވަތަ ވަކި ކަހަލަ ކާނާ އެއް ނުކާން އުޅޭނަމަ ހަދާނެ ގޮތާއި ބަލިވެ އުޅޭ ދުވަސްވަރު ކާންދޭނެގޮތް.

5- މާބޮޑަށް ބަރުދަން ލުއިވެ ނުވަތަ މާ ބަރު ވަމުންދާނަމަ ކާންދިނުމުގައި ގެނެވިދާނެ ބަދަލުތައް.

މިންހެޔޮ ކާނާ ފޮތުގެ އިތުރުން ކުޑަކުދިންގެ ނިއުޓްރިޝަން ހާލަތު ރަނގަޅު ކުރުމަށް، ކުއްޖާގެ ފުރަތަމަ 1000 ދުވަހަށް އަމާޒު ކޮށްގެން މާބަނޑު ދުވަސްވަރު ސަމާލުކަން ދޭންވީ ކަންކަމާއި ކުއްޖާގެ ކެއިން ބުއިމާއި އިޖުތިމާއީ ހުނަރުތައް ތަރައްގީ ކުރާނެ ގޮތާއި އެހެނިހެން މުހިއްމު މައުލޫމާތުތަކުގެ މައްޗައް ތައްޔާރު ކުރެވިފައިވާ ވީޑިއޯތަކުގެ އިތުރުން ސޯޝަލް މީޑިއާ އިންފޯގްރަފިކްސް ވެސް ވަނީ އާންމުކޮށްފައެވެ.

- ކުޑަދަރިފުޅު ހެދިބޮޑުވުމަށް އެންމެ މުހިއްމު ދުވަސްވަރަކީ، ދަރިފުޅު މައިމީހާގެ ރަހިމުގައި ގަރުބަގަތީއްސުރެ އުމުރުން ދެއަހަރު ވަންދެން ނުވަތަ ހަޔާތުގެ ފުރަތަމަ 1000 ދުވަސް ތެރޭގައެވެ. މި ދުވަސްވަރަކީ ކުއްޖާ ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ހެދިބޮޑުވަމުން އަންނައިރު ހާއްސަ ގޮތެއްގައި ވަރަށް އަވަސް މިނެއްގައި ސިކުނޑި ތަރައްގީ ވަމުން އަންނަ ދުވަސް ވަރެވެ. މި 1000 ދުވަހުގެ ތެރޭގައި ކުޑަދަރިފުޅު ހެދިބޮޑުވުމަށް ބޭނުންވާ ފައިދާ ހުރި ކާނާއާއި ލޯތްބާ އަޅާލުން އެންމެ އެކަށީގެންވާ ގޮތުގައި ނުދެވިއްޖެނަމަ ކުއްޖާ ހެދިބޮޑުވުމުގައި ތަފާތު ސިއްހީ މައްސަލަތަކާ ދިމާވެއެވެ.

- ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ހަޔާތުގެ ފުރަތަމަ 1000 ދުވަހަށް އަމާޒުކުރަން މުހިއްމު ވަނީ މައިމީހާއާއި ދަރިފުޅުގެ ނިއުޓްރިޝަން ހާލަތު ދައްވުމަށް ދިމާވާ މައްސަލަތައް ދުރާލާ ދެނެގަނެ މިކަންކަން ހައްލު ކުރުމަށް އެކަށީގެންވާ ފިޔަވަޅު މި ދުވަސްވަރު އެޅިއްޖެނަމަ ފުރިހަމަ ނަތިޖާ ނެރެވޭތީއެވެ.

- ވޭތުވެދިޔަ އަހަރުތަކާއި އަޅާބަލާއިރު ރާއްޖޭގެ ކުޑަކުދިންގެ ނިއުޓްރިޝަންގެ ހާލަތު ރަނގަޅު ވަމުން އައި ކަމުގައި ވީނަމަވެސް ރާއްޖެއަށް އަންނަ ހަލުއި ކުރިއެރުމާއި ތަރައްގީއާ ނިސްބަތް ކުރާނަމަ، ނިއުޓްރިޝަން ހާލަތު އެންމެ އެކަށީގެންވާ ބާރު މިނުގައި ރަނގަޅު ވަމުން ނުދާކަން ދިރާސާ ތަކުން ފާހަގަ ކުރެވެއެވެ.

- ރާއްޖޭގައި މީހުން މަރުވާ ނިސްބަތަށް ބަލާއިރު ގާތްގަނޑަކަށް 84 އިންސައްތަ މީހުން މަރުވަނީ ގައިން ގަޔަށް ނާރާ ބަލިތަކުގެ ސަބަބުންކަން ތަފާސް ހިސާބުތަކުން ދައްކައެވެ.

- ދިރިއުޅުމުގެ ވައްޓަފާޅި އާއި ގުޅިފައިވާ މިއާދަތަކަކީ ޅައުމުރުން ފެށިގެން އަށަގަންނަމުން ދާ ކަންކަމަށްވީ ހިނދު، މިފަދަ ހިރާސް ތަކުން މުޖުތަމައު ސަލާމަތް ކުރުމަށާއި ރާއްޖޭގެ ނިއުޓްރިޝަން ހާލަތު އަދިވެސް ރަގަޅު ކުރުމަށް މުހިއްމު ފިޔަވަޅު ތަކެއް ވަނީ އަޅަން ޖެހިފައެވެ.

- މިއަދު މި ނެރެވޭ ފޮތުގެ ބޭނުމަކީ ބެލެނިވެރިންނަށް ރާއްޖެއިން ލިބެން ހުންނަ ކާނާގެ ބާވަތްތައް ބޭނުން ކޮށްގެން އުމުރާ ގުޅޭ ގޮތަށް ފައިދާހުރި ކާނާ ތައްޔާރު ކުރާނެ ގޮތާއި ފައިދާހުރި ކާނާ ކާންދިނުމުގެ މުހިންމުކަން އަދި ރައްކާތެރި ކާބޯތަކެތި ތައްޔާރު ކުރާނެ ގޮތާއި، ކުއްޖާ ފުރިހަމަ ސިއްހަތެއްގައި ހެދިބޮޑުވުމަށް ބޭނުންވާނެ އެހެނިހެން މުހިންމު މައުލޫމާތު ފޯރު ކޮށްދިނުމެވެ. ދަރިފުޅަށް ކާންދޭ ކާނާ އެކޭ އެއްފަދައިން ކާންދޭ ވަގުތާއި ގޮތް ވެސް ވަރަށް މުހިއްމެވެ. މިގޮތުން ރެސްޕޮންސިވް ފީޑިން ނުވަތަ ކުއްޖާ ޝާމިލް ކޮށްގެން ކާންދިނުމުގެ މައްޗައް ވެސް މިފޮތުގައި އަލި އަޅުވާލެވިފައިވާނެއެވެ.

- ނިއުޓްރިޝަން އާއި ބެހޭ މައުލޫމާތު އެކި ދިމަ ދިމާލުން ލިބެންހުރެއެވެ. އެހެން ނަމަވެސް ހަލުވިކޮށް ބަދަލު ވަމުން އަންނަ ދުނިޔެއެއްގައި ސއްހަ، ހެޔޮ މައުލޫމާތު ލިބެން ހުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.