ފަލަސްތީނުގެ ތާރީހާ ގުޅޭ އިލްމީ ފޯރަމެއް ބާއްވަން އިސްލާމިކް މިނިސްޓްރީ އިން ނިންމައިފިއެވެ.

މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައި ވަނީ މިރޭ 8:30ގައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީއިން ބުނީ މި ފޯރަމުގެ މައުޟޫއުގެ ގޮތުގައި ކަނޑައަޅާފައި ވަނީ "ފަލަސްތީނާއި އުންމަތުގެ އެއްބައިވަންތަކަން" މި މައުޟޫއު ކަމަށެވެ.

https://www.facebook.com/100069016320722/posts/791845229792681/?mibextid=WC7FNe&rdid=Xl2VuzCJlGTnfhE3

މި ފޯރަމްގައި އިސްލާމީ އުންމަތުގެ އެއްބައިވަންތަކަމާއި ގުޅޭ ގޮތުން ވާހަކަދައްކަވާނީ ޑރ. އަބްދުއްސައްތާރު އަބްދުއްރަހްމާން ކަމަށް އިސްލާމިކް މިނިސްޓްރީއިން ވަނީ ބުނެފައެވެ. އަދި ފަލަސްތީނުގެ މިއަދުގެ ހާލަތާއި ގުޅޭ ގޮތުން ވާހަކަދައްކަވާނީ ޑރ. އަބްދުލްހައްނާން ވަހީދު ކަމަށް މިނިސްޓްރީއިން ބުނެއެވެ.

މިއީ އިސްލާމިކް މިނިސްޓްރީ އަދި އިސްރާ އެސޯސިއޭޝަން ގުޅިގެން ބާއްވާ ފޯރަމެއްކަން އިސްލާމިކް މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، ޒަކާތު ހައުސްގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް 100،000 ޑޮލަރު ފޮނުވުމަށް އިސްލާމިކް މިނިސްޓްރީއިން ވަނީ ނިންމާފައެވެ. އަދި މި ފައިސާ ޓްރާންސްފާ ކުރުމުގެ މަރުހަލާ ކުރިއަށްދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ޕީއެސްއެމް އަދި ރާއްޖޭގެ ގިނަ މީޑިއާތައް ގުޅިގެން "ފަލަސްތީނާއެކު ދިވެހިން"ގެ ނަމުގައި ވަނީ ހާއްސަ ޓެލެތޯން ކުރިއަށް ގެންގޮސްފައެވެ. މި ޓެލެތޯންއަށް ވަނީ 19،186،815.5 ރުފިޔާ ލިބިފައެވެ.