ރައީސް ޑރ. މުހައްމަދު މުއިއްޒު ބަންގްލަދޭޝް، ތުރުކީ އަދި ޕާކިސްތާނަށް ސަފީރުން އައްޔަން ކުރައްވައިފިއެވެ.

މި 3 ގައުމަށް އައްޔަން ކުރެއްވި ސަފީރުން އައްޔަންކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައެވެ.

ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލަދޭޝްއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ގޮތުގައި ރައީސް ކަނޑައަޅުއްވާފައި ވަނީ ސ. ހުޅުދޫ، އަސަރީގެ ޝިއުނީން ރަޝީދުއެވެ.

ރިޕަބްލިކް އޮފް ތުރުކިޔޭއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ގޮތުގައި ކަނޑައަޅުއްވާފައި ވަނީ ގަލޮޅު ކަނޑިތޮޅިއާގެ ލެފްޓެނަންޓް ޖެނެރަލް (ރޓ) އަބްދުއްރަޙީމް އަބްދުއްލަތީފްއެވެ.

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުން ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް ރިޓަޔާ ކުރައްވާފައި ވަނީ އޭނާގެ އުމުރުން 60 އަހަރު ފުރުމާ ގުޅިގެން މިދިޔަ އޭޕްރީލް މަހުއެވެ. 1985 ފެބުރުވަރީ 18 ވަނަ ދުވަހު ސިފައިންގެ ހިދުމަތާ ގުޅިވަޑައިގެންނެވި އަބްދުއްރަޙީމް ވަނީ ސިފައިންގެ ކުރިއެރުމާއި ތަރައްގީއަށްޓަކައި ސިފައިންގެ ތަފާތު ދާއިރާތަކުގައި އަގުހުރި ހިދުމަތްތަކެއް ކުރައްވާފައެވެ.

އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ގޮތުގައި އައްޔަންކުރައްވާފައި ވަނީ ނ. ހޮޅުދޫ އުފަންވެލި މުހައްމަދު ތޯހާ އެވެ. ސައުދީ އަރަބިއްޔާ އަށް ކަނޑައަޅާ ސަފީރަކަށް ތޯހާ އައްޔަން ކުރުމާ މެދު ގޮތެއް ކަނޑައެޅުމަށް މީގެކުރިން ވަނީ މަޖިލީހަށް ފޮނުވާފައެވެ. އަދި އޭނާ އެ މަގާމަށް ކަނޑައެޅުމަށް މަޖިލީހުން ފާސްކުރި ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތޯހާ ޕާކިސްތާނުގެ ސަފީރުގެ މަގާމަށް އައްޔަން ކުުރުމަށް ނިންމަވާފައެވެ.