މާފުށި ޖަލަށް ގަވައިދާ ހިލާފަށް އެތެރެކުރަމުންދާ ތަކެތި އަތުލާ ޖަލުގައި ގާނޫނާ ގަވައިދާ ހިލާފަށް ހިންގާ ހަރަކާތްތައް ހުއްޓުވުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން މާފުށި ޖަލު ބަލާ ފާސްކުރުމުގެ އޮޕަރޭޝަނެއް ހިންގައިފިއެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނުގެ ތެރެއިން މިއަދު މާފުށީ ޖަލުގެ 8 ޔުނިޓެއް ބަލާ ފާސްކޮށްފައިވާކަމަށާއި، މި ޔުނިޓުތަކުން 29 މޯބައިލް ފޯނު އަދި 4 ބޮގަރު ފުޅި އަތުލައިގަނެފައިވާ ކަމަށެވެ. ފުލުހުން ބުނީ މިތަކެތީގެ އިތުރުންވެސް 17 ޗާޖަރު، 12 ހެޑްސެޓް، 3 ޕެންޑްރައިވް، 3 އެއާޕޮޑް، 3 ކޭބަލް އަދި 2 ސިމް ކާޑުވެސް އަތުލައިގަނެފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި ތަކެތި މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި، މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާ ކަމަށެވެ.

މާފުށި ބަލާ ފާސްކުރުމުގެ މި އޮޕަރޭޝަނަކީ ގަވައިދާ ހިލާފަށް ޖަލަށް އެތެރެ ކުރަމުންދާ ތަކެތި އަތުލާ، ގާނޫނާ ގަވައިދާ ހިލާފަށް ހިންގާ ހަރަކާތްތައް ހުއްޓުވުމަށް ޑިފެންސް މިނިސްޓްރީގެ އެދުމުގެ މަތިން މޯލްޑިވްސް ޕޮލިސް ސާވިސް އިން ކުރިއަށް ގެންދާ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި ފުލުހުންގެ އިތުރުން އެމްއެންޑީއެފް އަދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ 304 އޮފިސަރުން ވަނީ ބައިވެރިވެފައެވެ. އެގޮތުން 183 ފުލުހަކާ، އެމްއެންޑީއެފްގެ 81 ސިފައިންނާއި، ކަރެކްޝަންސްގެ 40 އޮފިސަރުން ވަނީ ބައިވެރިވެފައެވެ.

މާފުށީ ޖަލުގައި އެވްރެޖްކޮށް ކޮންމެ ގޮޅިއަކުން ވެސް ފޯނާއި މަސްތުވާތަކެތި ފެންނަ ކަމަށާއި އެކަމާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް ޖަލުގައި އަޅަމުންދާ ކަމަށް ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ވިދާޅުވެފައެވެ.

އަދި އެ މައްސަލަތައް ހައްލު ވުމުން މުޖުތަމައު ތެރޭގައި ހުރި ސްކޭމް ކޯލްތައް ހުއްޓުވުމަށް މަސައްކަތް ކުރަމުންދާ ކަން ފާހަގަ ކުރައްވާ އިހުސާން ވިދާޅުވީ އެ މައްސަލަ ހައްލު ކުރުމަށް ބޭންކާއެކު ރަނގަޅު އެއްބަސްވުމެއް ހަދައިގެން ފުލުހުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މާފުށި ޖަލަށް ފޯނާއި މަސްތުވާތަކެތި ވައްދާ މައްސަލައަކީ ބޮޑުވެފައިވާ މައްސަލައެކެވެ. އަދި އެއީ މިއަދާ ހަމައަށް ވެސް އެ މައްސަލައަށް ހައްލެއް ލިބިފައި ނުވާއިރު ސަރުކާރުން ދަނީ އެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންނެވެ.