ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނަށް ސިހުރު ހެދި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައިވާ އެންވަޔަރަމަންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އާއި އޭނާގެ ކޮއްކޮގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު ހަތް ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.

ސިހުރު ހެދިކަމުގެ ތުހުމަތުގައި ޝަމްނާޒުގެ އިތުރުން 2 މީހަކު ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ.

މި މައްސަލައިގައި ޝަމްނާޒް އާއި އޭނާގެ ކޮއްކޮ ވަނީ 7 ދުވަހަށް ބަންދު ކޮށްފައެވެ. އަދި ބަންދު ދުވަހުގެ މުއްދަތު ހަމަވެފައިވާއިރު އަނެއްކާވެސް މި ވަނީ މި ދެ މީހުންގެ ބަންދަށް 7 ދުވަސް ޖަހާފައެވެ.

ޝަމްނާޒަކީ ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ ކުރީގެ އަނބިކަނބަލުންނެވެ. މީގެ ކުރިން މާލޭ ސިޓީ ކައުންސިލްގެ މެންބަރު ކަންވެސް ކުރައްވި ޝަމްނާޒު ހިނގަމުން މިދާ ސަރުކާރުގައި ފުރަތަމަ ބަހައްޓާފައި ހުރީ ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ އަރިހުގައި މުލީއާގޭގައެވެ.

މި މައްސަލައާއި އެކު އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުން ޝަމްނާޒް ވަނީ ވަކިކޮށްފައެވެ. އަދި މައްސަލައިގައި ހިމެނޭ އޭނާގެ ކޮއްކޮވެސް ދަނީ އެ މިނިސްޓްރީގެ ސިޔާސީ މަގާމެއް އަދާ ކުރަމުންނެވެ.