އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް މަގާމުން ވަކިކޮށްފިއެވެ.

އެ މިނިސްޓްރީގެ ވެބްސައިޓުގައިވާ ގޮތުން، ޝަމްނާޒް ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައި ވަނީ މިދިޔަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށެވެ. އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ، ކުރީގެ ސިޔާސީ މުވައްޒަފުންގެ ބަޔަށް ޝަމްނާޒްގެ ނަން ބަދަލުކޮށްފައެވެ.

ފުލުހުން ތަހްގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން، ޝަމްނާޒާއި އިތުރު ދެ މީހަކު ހައްޔަރުކުރީ މިދިޔަ އާދީއްތަ ދުވަހުގައެވެ. އަދި އެ ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި ތިން މީހުން ހައްޔަރުކުރީ، އެނގިފައިވާ ގޮތުން، ސިހުރާ ގުޅުންހުރި މައްސަލައެއްގައެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒަށް ސިހުރު ހައްދަވައި ސިޔާސީ ގޮތުން ގާތްވުމަށް މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތު އޭނާގެ މައްޗަށް އޮތް ކަމަށް ވެސް ވަނީ އެނގިފައެވެ.

ޝަމްނާޒަކީ ރައީސް އޮފީހުގެ މިނިސްޓަރު އަދި މެދުހެންވޭރު ދާއިރާގެ ކުރީގެ ކައުންސިލަރު އާދަމް ރަމީޒުގެ ކުރީގެ އަނބިކަނބަލުންނެވެ.

މީގެ ކުރިން މާލޭގެ ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރުކަން ވެސް ކުރައްވި ޝަމްނާޒު ހިނގަމުން މިދާ ސަރުކާރުގައި ފުރަތަމަ އައްޔަންކުރައްވާފައި ވަނީ މުލީއާގޭގެ މިނިސްޓަރު ކަމަށެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އޭނާ ބަދަލުކުރީ ގަނޑުވަރުތެރެއާ ގުޅޭ ސިއްރުތަކެއް ލީކްކުރެއްވި މައްސަލައިގައިކަމަށް އަޑު ފެތުރިފައި ވެއެވެ.