ގައުމީ ފުޓްބޯޅަ ޓީމްގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ)ގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފިއެވެ.

މި ދަފްތަރު ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހަވީރު 4:30ގައި ގަލޮޅު ރަސްމީ ދަނޑުގައެވެ.

މި ރަސްމިއްޔާތުގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އަލީ އަޝްފާގު (ދަނގަޑޭ)، އިމްރާން މުހައްމަދު، ކޯޗު އަލީ ސުޒޭންގެ އިތުރުން ގިނަ އަދަދެއްގެ ފުޓުބޯޅަ ކުޅުންތެރިންނާއި ކުޅިވަރުގެ އެކި ފަރާތްތައް ވަނީ ބައިވެރިވެފައެވެ.

ބަކާ ނިޔާވެފައި ވަނީ ހައްޖުގެ އަޅުކަން އަދާ ކުރުމަށްފަހު އެނބުރި މާލެ އައިފަހުން މިދިޔަ އަންގާރަ ދުވަހުއެވެ. އޭނާ ނިޔާވެފައި ވަނީ މެނިންގޯކަލް ބަލި ޖެހި ހާލު ސިރީޔަސްވެގެން އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮނެވެ.

ބަކާ އަކީ ރާއްޖޭގެ ގައުމީ ޓީމުގައި ކުޅުނު ކުޅުންތެރިންގެ ތެރެއިން ހޮވާލެވޭ ކުޅުން ތެރިއެކެވެ. އެގޮތުން 2008 އަދި 2018 ގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެއަށް ހޯދައި ދިނުމުގައި އޭނާ މުހިންމު ދައުރެއް އަދާ ކުރިއެވެ.