ގައުމީ ފުޓްބޯޅަ ޓީމްގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ)ގެ ކަށުނަމާދު އިސްލާމީ މަރުކަޒުގައި ބޭއްވުމަށް ނިންމައިފިއެވެ.

މިރޭ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ކުރެއްވި ޕޯސްޓެއްގައި ކުޅުންތެރިޔާ ބަކާގެ ކަށުނަމާދު އިސްލާމީ މަރުކަޒުގައި ބޭއްވުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށް ދާކަމަށް ވަނީ ވިދާޅުވެފައެވެ.

ކުރިން އޭނާގެ ކަށު ނަމާދު މިރޭ ފަތިސް ނަމާދަށްފަހު ހުޅުމާލެ މަސްޖިދު ޒައިދުބިން ޘާބިތު (ސަހަރާ މިސްކިތް) ހުޅުމާލޭގައި ބޭއްވުމަށް ނިންމާފައިވީ ނަމަވެސް މިހާރު މައްޔިތާއަށް ޒިޔާރަތްކުރުމާއި ކަށު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގައެވެ.

ހައްޖުގެ އަޅުކަން ނިންމާލުމަށް ފަހު މާލެއަށް އައިތާ 3 ދުވަސްވީ އިރު ބަކާ ވަނީ ހުން އައިސްގެން ހާލު ސީރިއަސްވެ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. ބަކާ އަކީ ރާއްޖޭގެ ގައުމީ ޓީމުގައި ކުޅުނު ކުޅުންތެރިންގެ ތެރެއިން ހޮވާލެވޭ ކުޅުން ތެރިއެކެވެ. އެ ގޮތުން 2008 ގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެ އަށް ހޯދައި ދިނުމުގައި އޭނާ މުހިންމު ދައުރެއް އަދާ ކުރިއެވެ.