ސްކޭމްގެ ވާހަކަތައް ދައްކާ އިރު، މި ކަމަކީ މާ ސީރިއަސް ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ. ސޯޝަލް މީޑިއާގެ އެކައުންޓެއް ހެކް ކޮށްގެން އުޅޭ ވާހަކަ އަކީ މިހާރު އަހަރެމެންގެ ތެރޭގައި އާންމުކޮށް އިވޭ ވާހަކައެކެވެ. ނަމަވެސް އެކަމަށް ވެސް ޖޯކް ޖަހައި ހެކް ކުރަންޏާ ތިމަންނަގެ އެކައުންޓް ހެކް ކުރަންވީ ނޫންހޭ ބުނާ މީހުން މަދެއް ނޫނެވެ. އެފަދަ ކަމެއް ތިމާއަށް ކުރިމަތިނުވާހާ ހިނދަކު އެއީ ހަގީގަތުގައި ހިނގަމުން އަންނަ ކަމެއް ކަމަށް ގަބޫލު ކުރާ މީހުން މަދެވެ.

ސްކޭމްއަކީ ހަމައެކަނި ދިވެހި ރާއްޖެއިން ފެންނަ ކުށެއް ނޫނެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް ހިންގަމުން އަންނަ ކުށެކެވެ. ސްކޭމްގެ ކުށްތައް އަންނަނީ ތަރައްގީވަމުން އަންނަ ޓެކްނޮލޮޖީއާ އެއްވަރަށް ބަދަލުވަމުން ކަމުގައިވާ އިރު، މީގެ ކުރިން ހިންގަމުން އައި ސްކޭމްތަކާއި މިހާރު ހިންގަމުން އަންނަ ސްކޭމްތަކަށް ބަލާއިރު، މި ކުށްކުރާ މީހުންގެ އުކުޅުތައް ވެސް އަންނަނީ "އަޕްގްރޭޑް" ވަމުންނެވެ.

ނަގުދު ފައިސާގެ ނޫޓް ތަކެއް މީހަކަށް ހަވާލު ކުރަނީ / ފޮޓޯ: ދަ ޕްރެސް

ފުލުހުން ހިއްސާ ކުރި މައުލޫމާތަށް ބަލާއިރު، މިދިޔަ އަހަރުތެރޭ ޖުމްލަ 1658 ސްކޭމްގެ މައްސަލަތައް ރިޕޯޓްކޮށްފައި ވެއެވެ. މީގެ ތެރޭގައި ހިމެނެނީ 28.4 މިލިއަނެއްހާ ރުފިޔާއެވެ. މިދިޔަ އަހަރާ އަޅާ ބަލާއިރު މިއަހަރުގެ މެއި މަހުގެ ނިޔަލަށް ރިޕޯތްކޮށްފައިވާ މައްސަލަތަކަށް ބަލާއިރު، މިއަހަރު ތެރޭ ސްކޭމްގެ މައްސަލަަތައް ރިޕޯޓް ކުރާ އަދަދު ވަނީ 200 ޕަސެންޓް އިތުރުވެފައި ކަމަށް ފުލުހުން ބުނެއެވެ. އަދާ ހަމައަށް އެއްކޮށްފައިވާ މައުލޫމާތަށް ބަލައި މިއަހަރުގެ ނިޔަލަށް އަންދާޒާ ކުރެވޭ އަދަދެއްގެ ގޮތުގައި ފުލުހުން ބުނީ 2600 އަށް ވުރެ ގިނަ ސްކޭމް މައްސަލަ ރިޕޯޓް ކުރާނެ ކަމަށް ބެލެވެއެވެ. އެއީ 49 މިލިއަން ރުފިޔާ ގެެއްލުން ކަމަށް ވެސް ފުލުހުން ބުނެއެވެ.

ކުށުގެ ރެކޯޑްތަކަށް ބަލާއިރު، ސްކޭމްގެ މައްސަލަ ރިޕޯޓް ކުރާ މިންވަރަކީ ކޮންމެ 180 މިނެޓުން މައްސަލައެއް ކަމަށް ފުލުހުން ބުނެއެވެ. އެ ގޮތުން ދުވާލެއްގެ މައްޗަށް 8 ސްކޭމްގެ މައްސަލަ ރިޕޯޓް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

މީގެ ކުރިން ލިންކްތަކެއް ފޮނުވައިގެން ސްކޭމްތަކެއް ހިންގަމުން އައި ވާހަކަތައް މާޒީއާ އެކުވެގެން ގޮސްފައިވާ އިރު، ފްލެޓް ލިބިފައިވާ ކަމަށް ބުނެ ކުރާ މެސެޖުތަކާއި ކޯލްތަކުގެ މަޅީގައި ޖެހޭ މީހުން މިއަދުވެސް އަންނަނީ ފެންނަމުންނެވެ. ހަަމައެއާއެކު މީހެއްގެ މައުލޫމާތުތައް އެއްކޮށްގެން ފޯނަށް ގުޅައިގެން މޮޅެތި ވާހަކަތައް ދައްކައިގެން ފޭސްބުކް އެކައުންޓް ހެކްކޮށް އެމީހެއްގެ އެކައުންޓްގައި ތިބޭ އެންމެ ގާތް މީހުންނަށް މެސެޖުކޮށް ފައިސާ ހޯދާ ސްކޭމްތައް ވެސް މިހާރު އަންނަނީ އިތުރުވަމުންނެވެ.

މިފަދަ ކޭސްއަކާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދިން އާންމުންގެ މީހަކު ބުނީ، އޭނާއަށް ނުދަންނަ ނަންބަރަކުން ކޯލެއް އައި ކަމަށާއި އެމީހާ ބުނީ، އެ މޯބައިލް ނަންބަރަކީ އޭނާ ކުރިން ބޭނުން ކުރި ނަންބަރެއް ކަމަށެވެ. އެ ނަންބަރަށް އޭނާގެ ސޯޝަލް މީޑިއާގެ އެކައުންޓްތައް ހަދާފައި ހުރުމުން އެކައުންޓް ރިކަވާ ކުރަން ޖެހުމުން އެ ނަންބަރަށް ކޯޑެއް ދާނެ ކަމަށާއި އެ ކޯޑު ދިނުމަށް އެދުނެވެ. އެމީހަކު ގުޅާ އިރު އޭނާ ނަންބަރު ގެންގުޅުނު މުއްދަތް ބުނެއެވެ. އެ މައުލޫމާތާއި ސްކޭމްގައި ޖެހޭ މީހާ އެ ނަންބަރު ގަންނަ ތާރީހާ ދިމާވެއެވެ.

"އަސްލު އެންމެ ބޮޑަށް ދެރަވީ، އަޅުގަނޑަކީ މީހުްނ ކައިރީ ފައިސާ ދޭން ކިޔާ މީހެއް ވެސް ނޫން. އަޅުގަނޑުގެ ނަމުގައި ތިމާގެ މީހުންނާއި ރައްޓެހިންނާއި އޮފީސް މީހުންނަށް ވެސް މެސެޖު ކޮށްފައި ހުރި. އަސްލު މި ސްކޭމްގެ ސަބަބުން އަޅުގަނޑު ވަރަށް ލަދު ގަތް"
ސްކޭމްގައި ޖެހުނު މީހެއް

މި ވާހަކަތަކަށް ހެއްލި ފޯނަށް އަންނަ ކޯޑު އެމީހާއަށް ދިނީ ހެޔޮ ނިޔަތަކުން އެއްގޮތަކަށް ވެސް ފޭސްބުކް އެކައުންޓް ހެކްވާނެ ކަމަކަށް ނޫން ކަަމަށް އެމީހާ ބުނެއެވެ. ނަމަވެސް ކޯޑު ދޭ ހިސާބުން އޭނާގެ ފޭސްބުކް އެކައުންޓް ހެކް ކުރެއެވެ. އަދި އޭނާގެ ގާތް މީހުންނަށް މެސެޖުކޮށް ފައިސާ ހޯދުމަށް އެ ހެކް ކުރި މީހާ ފަށައެވެ. މި ކޭސްގައި ވެސް ސްކޭމްގައި ޖެހުނު މީހަގެ ގާތްތިމާގެ ބަޔަކު ވަނީ ފޭސްބުކުން ފިނުވި މެސެޖުގައި ވަރަށް ބޮޑު ކަމެއް ދިމާވެގެން ފައިސާ އެއް ފޮނުވަން އެދުމުން ފައިސާ ފޮނުވާފައެވެ. މި މައްސަލަ ބީއެމްއެލްއަށާއި ފުލުހުންނަށް ރިޕޯޓް ކޮށް މައްސލަަ ބަލަމުންދާ ކަމަށް ވެސް އޭނާ ބުނެއެވެ.

ޑިޖިޓަލް މި ޒަމާނުގައި ކޮންމެ މީހެއްގެ ގިނަ މައުލޫމާތުތަަކަކީ އިންޓަނެޓުން ހޯދަން ވަރަށް ފަސޭހަ މައުލޫމާތެވެ. ގެންގުޅޭ ފޯނު ނަންބަރާއި މެއިލް އެޑްރެސްއަށް ހުރިހާ ސޯޝަލް މީޑިއާ ޕްލެޓް ފޯމްތައް ލިންކް ކޮށްފައިވާ އިރު، ފޯން ނަންބަރާއި މެއިލް އަކީ އެމީހެއްގެ ފައިސާ ރައްކާކޮށްފައި ހުންނަ ބޭންކްތަކުގައި ވެސް ބޭނުން ކުރާ ނަންބަރެވެ. އެހެންކަމުން ސްކޭމް ހިންގާ މީހުންނަށް އެކައުންޓް ހެކްކޮށް ބޭންކް އެކައުންޓްގައި ހުންނަ ފައިސާތައް ވެސް ފޭރިގަތުމަކީ ވެސް މާ އުނދަގޫ ކަމަކަށް ނުވެއެވެ.

ދިވެހިންނަކީ ދީލަތި ހިތްހެޔޮ އޯގަތެރި ބައެއް ކަމުގައިވާ އިރު، މި ފަދަ ސްކޭމްތަކުގައި ގިނަ ބަޔަކު ޖެހެނީ މިސަބަބާ ހުރެއެވެ. މީހަކަށް ހެޔޮ ކަމެއް ކޮށްދިނުމުގެ ނިޔަތުގައި ފައިސާގެ އެހީއަކަށް އެދުމުން ފައިސާ ފޮނުވަނީއެވެ. ފޭސްބުކް ފަދަ އެކައުންޓްތައް ހެކްކޮށްގެން މީހުންނަށް ފައިސާ ހޯދަން މެސެޖުކުރާ މީހުން އާންމު ވަމުން އަންނަ އިރު، ފައިސާ ފޮނުވަން އެދި ކުރާ މެސެޖުތަކަށް ސަމާލު ވުމަކީ އަހަރެމެންނަށް ކުރެވިދާނެ ކަމެކެވެ. އެގޮތުން އެ މެސެޖަކީ ގާތްމީހަކު ފޮނުވި މެސެޖެއް ކަމުގައިވީ ނަމަވެސް އެމީހަކަށް ގުޅައި މައުލޫމާތު ޔަގީން ކުރުމަށް ފަހުގައި ނޫނީ ފައިސާ ނުފޮނުވާށެވެ. މިއީ މިފަދަ ސްކޭމްތަކުން ސަލާމަތް ވުމަށް ކުރެވިދާނެ ކަމެކެވެ.