މާފަންނު މަދަރުސާގެ ބިއްދޮށުގައި އޮންނަ ގޯޅިއަށް 'ފަލަސްތީނު ހިނގުން' ކިޔަން މާލޭ ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފި އެވެ.
މާލޭގެ މަގަކަށް ފަލަސްތީނާއި ގުޅުވާ ނަމެއް ކިޔުމަށް މިދިޔަ މޭމަހު ކައުންސިލަށް ހުށައެޅީ މޭޔަރު އާދަމް އާޒިމްއެވެ. އެ ހުށަހެޅުން ހުށަހެޅުމުން މާލެ ސިޓީ ކައުންސިލުގެ އެންމެ މެންބަރަކު ފިޔަވައި ހުރިހާ މެންބަރުން ވެސް އެކަމަށް ތާއީދު ކުރެއްވި އެވެ. އެކަމާ ހިޔާލު ތަފާތު ވެފައި ވަނީ މައްޗަންގޮޅީ އުތުރު ދާއިރާގެ ކައުންސިލަރު ސައީދާ ރަޝާދު އެވެ.
އެގޮތުގެ މަތިން ސިޓީ ކައުންސިލުން ނިންމާފައި ވަނީ މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި ރަސްމީ އާންމު ޖަލްސާގައެވެ. އެ ގޯޅިއަށް ފަލަސްތީނު ހިނގުން ކިޔަން ފާސްކުރީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ކަމަށްވާއިރު މަގު ޑިޒައިން ކުރާނީ ފަލަސްތީނުގެ ތާރީހާ ގުޅޭ މައުލޫމާތު ފެންނަ ގޮތަށް ކަމަށް ވޭޔަރު ވަނީ ވިދާޅުވެފައެވެ.
އޭގެ ސަބަބެއް ކަމަށް އާޒިމް ފާހަގަ ކުރެއްވީ ފަލަސްތީނު ރައްޔިތުންނަށް އުއްމީދެއް ދިނުމާއި އެކު މި މަގުން ރާއްޖޭގެ ކުދި ބޮޮޑު އެންމަނަށްް ފަލަސްތީނު ރައްޔިތުންގެ ޖިހާދާއި ބެހޭ ވާހަކަތައް އަބަދަށްް އެނގިގެން ދިޔުން ކަމަށެވެ.
ފަލަސްތީނު ހިނގުމުގެ ނަމުން ނަން ދިން ގޯޅިއަކީ ދުވާރު ހެދުމާއި އެހެނިހެން މަސައްކަތްތައް މިހާރު ކުރަމުންދާ ގޯޅި އެކެވެ. އެ ގޯޅީގެ މަސައްކަތްތައް ނިމުމުން ފަލަސްތީނު ހިނގުމުގެ ނަމުގައި ހުޅުވާލީ އެކަމަށް ހާއްސަކޮށް ބާއްވާ ރަސްމިއްޔާތެއްގަ އެވެ.