އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ފެނުމާ ގުޅިގެން ކަމާ ބެހޭ މައުލޫމާތު އެއްކޮށް، ކޮންޓެކްޓް ޓްރޭސިންގް ހަދާ، ކޮންޓެކްޓްވީ ފަރާތްތަކަށް މައުލޫމާތު ދީ، ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށްދޭ ޕްރޮފައިލެކްޓިކް ބޭސް ދޭން ފަށައިފިއެވެ.

އެޗްޕީއޭއިން ބުނީ މެނިންގޯކޮކަލް ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިން ކަމަށެވެ. އަދި ބަލި ޖެހިފައިވާ މީހާއާ އެކު އެންމެ ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށާއި މި ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ 1 ދުވަހާއި 10 ދުވަހާ ދެމެދުގައި ކަމަށް އެ އެޖެންސީއިން ބުނެއެވެ.

މިއަހަރު ހައްޖަށް ވަޑައިގެންނެވި ފަރާތްތަކުގެ ތެރެއިން މެނިންޖައިޓިސް ވެކްސިން އެއްވެސް ސަބަބަކާހުރެ ނުޖެހޭ ފަރާތްތައް ނުވަތަ ވެކްސިން ޖެހުމަށްފަހު ފުރުމާ ދެމެދު 14 ދުވަސް ހަމަނުވާ ފަރާތްތަކުގެ ތެރެއިން މިބަލީގެ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން މުހިންމު ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އެޗްޕީއޭއިން ބުނީ މެނިންޖައިޓިސް ވެކްސިން ޖެހުމުން މި ބަލިން ރައްކާތެރިކޮށްދޭ ކަމަށެވެ. އަދި މެނިންޖައިޓިސް ވެކްސިންއިން ހަށިގަނޑުގެ ދިފާއީބާރު އުފެއްދުމަށް ގާތްގަނޑަކަށް ދެ ހަފްތާ ނަގާ ކަމަށާއި މި ބަލިން ރައްކާތެރިވުމަށް މަދުވެގެން 2 ހަފްތާ ކުރިން ވެކްސިން ޖެހުން މުހިންމު ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ކްލޯޒް ކޮންޓެކްޓެއް ކަމުގައި ބަލާނީ:

  • ބަލިމީހުންނާއި އެއްގެއެއްގައި ދިރިއުޅޭ މީހުން
  • ބަލިމީހާއާއި އެއްކޮށް މަތިންދާ ބޯޓުން ނޫނީ ބަހުގައި ވަރަށް ގިނައިރު ވަންދެއް ދަތުރުކޮށްފައިވާ މީހުން
  • ބަލިމީހާގެ ކުޅު ފަދަ ނޭވާލާ ނިޒާމުން އުފެދޭ ދިޔަ އަކަށް ހުށަހެޅިފައިވާ މީހުން

ބަލީގެ އަލާމާތްތައް:

  • ބޮލުގައި ރިއްސުން
  • ކަނދުރާ ވާންވުން
  • މޭނުބައިކޮށް ހޮޑުލެވުން
  • ވާނުވާ ނޭނގޭ ގޮތްވުން
  • ގައިގައި ރަތް ބިހި/ ލައްތަކެއް ނެގުން
  • ފިޓުޖެހުން
  • އަލި ގަދަވުމުން އުނދަގޫވުން
  • ވަރުދެރަވުން
  • ނޭވާ އަވަސްވުން

މެނިންގޮކޯކޮލް ނުރައްކާތެރި ބެކްޓީރިއާއެއް ކަމަށްވާ ނެއިސެރިއާ މެނިންގްޓިޑިސް ނުވަތަ އާންމު ނަމުންނަމަ މެނިންގޮކޯކަސްގެ ސަބަބުން ޖެހޭ ބައްޔެކެވެ. މި ބައްޔަކީ ސިކުނޑީގެ މެމްބްރޭންތަކަށް އަސަރުކުރާ އަދި ސްޕައިނަލް ކޯޑަށްވެސް އަސަރު ކުރާ ބައްޔެކެވެ.