ކޮންމެ އަހަރަކަށް ކަނޑައަޅާ ދައުލަތުގެ ބަޖެޓުގެ 50 ޕަސެންޓް ކަނޑައަޅާނީ ގެދޮރު ބިނާކުރުމުގެ ޕްރޮޖެކްޓްތައް ހިންގުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައި އިރު އެންމެ އިސްކަމެއް ދިން ކަންކަމުގެ ެތރޭގައި އިގްތިސޯދު ނަގާ ކޮޅަށް ޖެހުމާއި ގެދޮރުވެރިކަމަކީ އެންމެ އިސްަމެއް ދޭން ނިންމާފައިވާ ކަންކަން ކަމަށެވެ. އެގޮތުން ދައުލަތުގެ ހަރަދު ކުޑަކޮށް އާމްދަނީ އިތުރުނކުރުމަށް ހާއްސަ އަހައްމިއްޔަތު ކަމެއް ދެމުން އަންނަ ކަމަށާއި ދެން އެންމެ ބޮޑު އިސްކަމެއް ދޭނެ ކަމަކީ ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގުން ކަމަށެވެ.

އެގޮތުން މި ސަރުކާރުން ފާސްކުރާ ބަޖެޓުގައި އެންމެ އިސްކަމެއް ދޭނީ ޕީއެސްއައީޕީ މަޝްރޫއުތަކުގެ ތެރެއިން ދެބަިއ ކުޅަ އެއްބައި، މަދުވެގެން 50 ޕަސެންޓް ކޮންމެ އަހަރަކު ކަނޑައަޅާނީ ގެދޮރު ބިނާ ކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. މިސާލެއް ޖައްސަވަމުން ރައީސް ވިދާޅުވީ، ބަޖެޓުގައި ޕިއެސްއައިޕީ ޕްރޮޖެކްޓްސައަށް 9000 ބިލިއަން ރުފިޔާ ކަނަޑައަޅާއިރު، އޭގެތެރެއިން ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގުމަށް 4500 ނުވަތަ 5000 ބިލިއަން ހަރަދު ކުރަން ބަޖެޓުގައި ހިމަނާނެ ކަމަށެވެ. އަދި މިއީ ދުވަހަކުވެސް ރާއްޖޭގައި ކުރި ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

ގެދޮރުވެރިކަމުގެ އެންމެ ބިޔަ އެއް މަޝްރޫއު ކަމަށް ވާ ރަސްމާލެ ތަރައްގީ ކުރުމަށް ކުރާ މަސައްކަތުގެ އެންމެ ފަހުގެ އަޕްޑޭޓް ހިއްސާ ކުރައްވަމުން ރައީސް ވިދާޅުވީ، މިހާރު ރަސްމާލެ ހިއްކުމުގެ މަސައްކަތް ހުއްޓިފައި އޮތް ނަމަވެސް އަންނަ މަހުގައި އެތަން ހިއްކުމުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ. އެއާއެކު މި އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް 1100 ހެކްޓަރުގެ ބިން ހިއްކާ ނިންމާލެވޭނެ ކަމަށް ވެސް ރައީސް ވިދާލުވިއެވެ.

ހަމައެއާއެކު ހުޅުމާޅެ ފޭސް 3 ހިއްކުމާއި، ގުޅިފަޅާއި ގިރާވަރުފަޅު އަދި ރާއްޖޭގެ އެކި ސަރަހއްދުތަކުގައި ގެދޮރުވެރިކަމުގެ މަޝްރޫއު ހިންގުމަށް ބިން ހިއްކުމުގެ މަސައްކަތްތައް ވެސް ކުރިއަށް ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.