މި ސަރުކާރު ވެރިކަމާ ހަވާލުވިތާ 7 މަސް ދުވަސް ވޭތުވެފައިވާ އިރު، އެ މުއްދަތުގައި އެއްވެސް ވަރަކަށް ފައިސާ ޗާޕުނުކޮށް، އާމްދަނީ ހޯދައިގެން އެކި ފަރާތްތަކަށް ދައްކަން އޮތް 13 ބިލިއަން ރުފިޔާ ދައްކާ ހަލާސްކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ މިރޭ ޕީއެންސީގެ މައި ޖަގަހަ "ޕީއެންސީ ހައުސް" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ ރާއްޖެއަށް އިގްތިސޯދީ ގޮތުން އައިސްފައިވާ ކުރިއެރުންތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފައެވެ.
"އާމްދަނީއަށް ލިބުނު ފައިސާއިން ތަރައްގީގެ މަސައްކަތްތަކާއި އަދިވެސް މުހިއްމު ގިނަ ކަންތައްތައް ކުރަމުން ފައިސާ ދައްކަމުން. އައީ. ބޭރުގެ ދަރަނީގެ ވެސް 2.7 ބިލިއަން ރުފިޔާ. އެންމެ ލޯނެއް ވެސް ޑިފޯލްޓް ނުވެ ވަގުތުން ދައްކަމުން މި ދަނީ. 2.7 ބިލިއަން ބޭރަސް ވެސް ދައްކައިފިން. ގާތްގަނޑަކަށް 13 ބިލިއަން ރުފިޔާ މި ހަތް މަސްތެރޭގައި އަޅުގަނޑުމެން މި އައީ ދައްކާފައި." ރައީސް ޑރ. މުހައްމަދު މުއިއްޒު
އެގޮތުން މި ސަރުކާރު ވެރިކަމަށް އައުމަށް ފަހު އެންމެ ކުރަން އުންދަގޫވި ނަމަވެސް އިގްތިސޯދަށް އެންމެ ފައިދާ ވާ އެއްކަމަކަށް ކުރެވުނު ކަމަކީ ފައިސާ ޗާޕްކުރުން ހުއްޓާލުން ކަމަށް މުއިއްޒު ފާހަގަ ކުރެއްވިއެވެ. ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ހަރަދުތައް ފޫބައްދަން ފައިސާ ޗާޕުކުރި ނަމަވެސް، އެއީ ގައުމަށް އެންމެ ފައިދާ ހުރި ނިންމުން ނޫން ކަމަށާއި، އަދި އެއީ އިހްލާސްތެރި މަސައްކަތެއް ވެސް ނޫން ކަމަށެވެ.
ހަމައެއާއެކު ރާއްޖެއަށް ނުކަތާ ވަރުގެ ބޮޑެތި އިންޓަރެސްޓް ރޭޓްގައި ހުރި ލޯންތައް ވެސް މި ސަރުކާރުން ނުނަގާ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ވޭތުވެދިޔަ 7 މަސް ދުވަހުގެ ތެރޭގައި ފައިސާ ޗާޕްނުކޮށް މި ސަރުކާތުން 13 ބިލިއނަް ރުފިޔާގެ ފައިސާ އެކި ފަރާތްތަކަށް ދައްކާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެތެރެއިން 7 ބިލިއަން ރުފިޔާ ދައްކާފައި ވަނީ ސަރުކާރު ކުންފުނިްތަކަށް ކަމަށާއި އަދި 4 ބިލިއނަް ރުފިޔާ ދައްކާފައި ވަނީ އެހެނިހެން ކުންފުނިތަކަށް ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ބޭރުގެ ލޯންތަކަށް 2.7 ބިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރި 2 މިލިއަން ޑޮލަރު ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް މިވީ 7 މަސް ދުވަހުގެ ތެރޭގައި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ވެސް 54 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މިއަހަރު ނިމޭ އިރު އަމާޒަކީ އެ ފަންޑުގައި 100 މިލިއަން ޑޮލަރުގެ ފައިސާ ހުރުން ކަމަށް ރައީސް ވިދާޅުވިއެވެ.