ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އިން ޓްރިވެންޑްރަމަށް ދާން ފުރި މޯލްޑިވިއަންގެ މަތިންދާބޯޓަކަށް މައްސަލައެއް ދިމާވެ އަނބުރާ ވެލާނާ އެއާޕޯޓުގައި ޖައްސައިފިއެވެ.

އެބޯޓަކީ އެއާބަސް މަރުކާގެ ފްލައިޓު Q2700 އެވެ.

މިކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން މޯލްޑިވިއަންގެ ކޯޕަރޭޓް ސޭލްސް މުހައްމަދު ނަސީރު ވިދާޅުވީ ބޯޓަށް ދިމާވީ ކޮން މައްސަލައެއްކަން މިވަގުތު ސާފު ނުވާ ކަމަށެވެ. އަދި އެ ކުންފުނީގެ އިންޖިނިއަރިން ޓީމަކުން އެކަން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ނަސީރު ވިދާޅުވިއެވެ.

މޯލްޑިވިއަނުން ވަނީ މި ހާދިސާގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިނުވާ ކަމަށާއި އަނބުރާ ރާއްޖެ ޖެއްސީ އެމަޖެންސީގައި ނޫން ކަމަށް ވެސް ބުނެފައެވެ.

ނަސީރު އިތުރަށް ވިދާޅުވީ އެ ފްލައިޓް މި ވަގުތު ކެންސަލްކޮށްފައިވާ ކަމަށާއި، ފްލައިޓުގައި ތިބި ފަސިންޖަރުން ޓްރިވެންޑްރަމަށް ފޮނުވުމުގެ މަސައްކަތް ރިޒަވޭޝަނުން މިހާރު ކުރަމުންދާ ކަމަށެވެ. އަދި ރަސްމީ ސްޓޭޓްމަންޓެއް މި ހާދިސާ އާ ގުޅިގެން އަދި ނެރެފައި ނުވާ ކަމަށްވެސް ނަސީރު ވަނީ ވިދާޅުވެފައެވެ.