ހދ. ނޮޅިވަރަމުގައި ފިޓު ޖެހިގެން މޫދަށް ވެއްޓުނު 32 އަހަރުގެ ފިރިހެނަކު މަރުވެއްޖެއެވެ.

އެ ހާދިސާ ހިނގާފައި ވަނީ މިރޭގެ 9 ޖަހާކަށްހާއިރު އެވެ. އެ މަންޒަރު ފެނުނު މީހަކު 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ބުނީ، އެ ހާދިސާ ހިނގާފައި ވަނީ ބަނދަރު ކައިރިން އެ މީހާ ސައިކަލުގައި ދުއްވާފައި ދަނިކޮށް ކަމަށެވެ.

އޭނާ އަކީ މީގެ ކުރިންވެސް ފިޓު ޖެހޭ މީހެއްކަން ފާހަގަ ކުރަމުން ދަ ޕްރެސް އަށް މައުލޫމާތު ދިން މީހާ ބުނީ މޫދަށް ވެއްޓުނުތާ މާ ގިނަ އިރުތަކެއް ނުވެ ބަނދަރު މަތީގައި ތިބި މީހުން އައިސް އޭނާ ސަލާމަތް ކުރަން މަސައްކަތް ފެށި ކަމަށެވެ.

އެގޮތުން ސައިކަލުގައި އެތަނުން ދިޔަ އިތުރު މީހަކު ވަގުތުން މޫދަށް ފުންމާލާ، ވެއްޓުނު މީހާ ސަލާމަތް ކުރި ކަމަށާއި އޭނާ ފުރަތަމަ ނަގާފައި ލީ އެތާނގައި އޭރު އޮތް އޮޑިއަކަށް ކަމަށެވެ. އަދި އެހެން މީހުންގެ ވެސް އެހީތެރިކަމާއެކު ހޮސްޕިޓަލަށް ގެންދިޔަ ކަމަށް އޭނާ ކިޔައިދިނެވެ. އޭރު އޭނާ ނޭވާލާ ކަމަށް މަންޒަރު ދުން މީހާ ބުންޏެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފު ކުރުމަށް ފުލުހުންގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.