ގެއްލިގެން ހޯދަމުން ދިޔަ ހަދީޖާ ޔަލްވީ ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ރޭގެ ވަގުތެއްގައި ޔަލްވީ ފެނިފައި ވަނީ މާލެއިން ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
މިއީ 14 އަހަރުގެ ޔަލްވީ ގެއްލިގެން ހޯދަން ފުލުހުން އިއުލާނުކުރި ދެވަނަ ފަހަރެވެ. ރޭ ފުލުހުން ބުނީ އޭނާ އެންމެ ފަހުން ފެނިފައިވަ ނީ ހުކުރު ދުވަހު ކަމަށް އާއިލާއިން ބުނެފައިވާ ކަމަށެވެ.
މީގެ ކުރިން ޔަލްވީ ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރީ މިދިޔަ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހެވެ. އަދި ހަމަ އެ ދުވަހު ޔަލްވީ ގެއަށް އެނބުރިި ގޮސްފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ.
ރާއްޖޭގައި ފަހަކަށް އައިސް މީހުން ވީނުވީއެއް ނޭނގި ގެއްލުމުގެ މައްސަލަ ދަނީ އިތުރުވަމުންނެވެ. މިގޮތަށް ގެއްލިގެން ހޯދަން އިއުލާން ކުރާ ގިނަ ބަޔަކު މަދު ވަގުތުކޮޅެއްގެ ތެރޭގައި ފެނުނު ނަމަވެސް އެފަދައިން ގެއްލޭ މީހުން ހޯދަން ގިނަ ދުވަސްތަކެއް ހޭދަ ކުރި ނަމަވެސް ބައެއް މީހުން ވީނުވީ ނޭނގިފައިވެސް އެބަ ހުއްޓެވެ.