ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަށް ޕީއެސްއެމުން "ފަލަސްތީނާއެކު ދިވެހިން"ގެ ނަމުގައި ކުރިއަށްގެންދާ ހާއްސަ ޓެލެތޯނު ޝޯ ފަށައިފިއެވެ.

މިޓެލެތޯން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 8 އިން ދަންވަރު 12 އަށެވެ. މި ޓެލެތޯން ފައްޓަވައިދެއްވީ ރައީސް ޑރ.މުހައްމަދު މުއިއްޒުއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މީގެ ކުރިން ފަލަސްތީނުގެ ދިފާއުގައި ވާހަކަނުދައްކާ އެތައް ބަޔަކު މިއަދު އެ ގައުމުގެ ދިފާއުގައި ފާޅުގައި މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ރާއްޖޭން ކުރަމުން އަންނަ މަސައްކަތްތައް ވެސް އިތުރު ހަރުފަތަކަށް ގެންދަން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ފަލަސްތީނުގައި ހިނގަމުންދަނީ ދެ ގައުމުގެ ދެމެދުގައި ކުރިއަށްދާ މައްސަލައެއް ނޫން ކަމަށާ މިއީ މުޅި އިސްލާމީ އުއްމަތަށް ދިމާވެފައިވާ ކަމެއް ކަމަށެވެ. އަދި މުސްލިމުންނަށް ދިމާވާ މިފަދަ ކަންކަމުގައި މުޅި އުއްމަތް ޝާމިލްވާންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފަލަސްތީނުގެ މައްސަލައަކީ މުސްލިމުން ކުރިމަތީގައި އޮތް އެންމެ ބޮޑު މައްސަލަ ކަމަށާއި މިއަދު އެކަމަށް އެހީތެރިކަން ފޯރުކޮށްނުދީފިނަމަ އިތުރަށް ދައްކާނެ ވާހަކައެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ދިވެހިންނަކީ ފެށުނީއްސުރެ ފަލަސްތީނުގެ ރައްޔިތުންނާއެކު ތިބި ބައެއްކަން ފާހަގަކުރައްވަމުން ރައީސް ވަނީ މި ފުރުސަތުގައި ހުރިހާ ވިސްނުމެއް އަދި ފިކުރެއްގެ ރައްޔިތުންވެސް ބައިވެރިވުމަށް އެދިވަޑައިގެންފައެވެ.

ފަލަސްތީނަށް އެހީވުމަށް ބެހެއްޓިފައިވާ ފަންޑު ފޮށިތައް

މިޓެލެތޯން ކުރިއަށް ގެންދާނެ ގޮތުގެ މައުލޫމާތު ހިއްސާކުރައްވަމުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު ވިދާޅުވީ މީގެކުރިން ޓެލެތޯންތަކުގައި އިންތިޒާމްކުރާ ފަރާތުން އެކަމަށް ހަރަދެއް ނެގިނަމަވެސް މިޓެލެތޯންގައި ޕީއެސްއެމުން އެކަމަށް އެއްވެސް ހަރަދެއް ނަގާފައި ނުވާކަމަށެވެ. މި މަސައްކަތް ވީހާވެސް ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދިޔުމަށް އިންޑިޕެންޑެންޓް އޮޑިޓަރެއް ހޯދުމުގެ މަސައްކަތް ކުރިއަށް ދާކަން ފާހަގަކުރައްވަމުން ޒީނާ ވިދާޅުވީ މިއީ ހިލޭ ސާބަހަށް ކުރާ މަސައްކަތަކަށްވާތީ އޮޑިޓަރެއް ހޯދުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނީ ސީއެސްއާރްގެ ދަށުންކަމަށެވެ.

ފަލަސްތީނަށް އެހީވުމަށް ފައިސާ ޖަމާކުރާ އެކައުންޓު ނަންބަރުތައް

މި ޓެލެތޯނުގައި މާލެ ސަރަހައްދުގައި އެކަނިވެސް 13 ފަންޑު ފޮށި ބަހައްޓުމަށް ހަމަޖެހިފައިވާއިރު ފަންޑު ފޮށިތަކުގެ ތެރެއިން ޓީވީއެމް ގޯތިތެރޭގައި ބަހައްޓާ ފަންޑު ފޮށި ފިޔަވާ އެހެން ހުރިހާ ފޮށްޓެއް އިރުއޮއްސެންދެން ހުންނާނެއެވެ. މީގެ އިތުރުން ފަންޑު ފޮށިތައް ކައިރިއަށް ނުދެވޭ ފަރާތްތަކަށްވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން އޮންލައިންކޮށް ފައިސާ ޖަމާކުރެވޭނެ އިންތިޒާމްވެސް ހަމަޖައްސާފައިވާއިރު މިކަމަށް ހާއްސަ 2 އެކައުންޓެއް މިހާރު ވަނީ ހުޅުވާފައެވެ.