ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ރަސްމީދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފިއެވެ.

ރައީސް އިންޑިއާއަށް ވަޑައިގެންނެވީ އެ ގައުމުގެ ބޮޑުވަޒީރާއި ސަރުކާރުގެ ކައުންސިލް އޮފް މިނިސްޓާސް ހުވާކުރެއްވުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް އިންޑިއާގެ ބޮޑުވަޒީރު އެމަނިކުފާނަށް އެރުވި ދައުވަތަކަށެވެ.

ރައީސްގެ މި ދަތުރުފުޅުގައި، ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އިއްޒަތްތެރިންގެ ޝަރަފުގައި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ ދެއްވި ރަސްމީ ޖާފަތުގައި ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރައީސްއާ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއާ ދެބޭފުޅުން ބައްދަލުކުރައްވައި ދެ ގައުމުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ މަޝްވަރާތައް ކުރެއްވިއެވެ.

މީގެ އިތުރުން އިންޑިއާގެ މިނިސްޓާ އޮފް އެކްސްޓާނަލް އެފެއާޒް ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރު ވެސް ރައީސްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވިއެވެ.

ރައީސް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މި ދަތުރުފުޅަކީ، އެމަނިކުފާނު މިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު އިންޑިއާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.