ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ އާ ދައުރަކަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިތުމަށް އިންޑިއާ އަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.

އިތުބާރު ހުރި މަސްދަރުތަކުގައިވާ ގޮތުން، ތިންވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަތް މޯދީ ހުވާކުރައްވާ ރަސްމިއްޔާތަށް ވަޑައިގަތުމަށް ރައީސަށް ލިބިވަޑައިގެންނެވި ދައުވަތު ގަބޫލުފުޅުކުރައްވައި، އެމަނިކުފާނު މި ހޮނިހިރު ދުވަހު އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ފުރާވަޑައިގަންނަވާނެއެވެ.

މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގުގެ އިތުރުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް ވެއެވެ.

އެ މަސްދަރުތަކުގައިވާ ގޮތުން، އާދީއްތަ ދުވަހު ރައީސް ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގަންނަވާނެއެވެ.

މިކަމާ ގުޅިގެން ސަރުކާރުގެ ބަހެއް ހޯދާލުމަށްޓަކައި ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް ވަޒީރު އިބްރާހީމް ޚަލީލާއި ސަރުކާރުގެ އިސް ތަރުޖަމާނު ހީނާ ވަލީދަށް 'ދަ ޕްރެސް' އިން ގުޅައި މެސެޖުކުރުމުން ވެސް ޖަވާބެއް ނުދެއްވިއެވެ.

މޯދީ ހުވާކުރައްވާ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ އިންޑިއާ ގަޑިން ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:30 ގައި ކަމަށް 'އިންޑިއަން އެކްސްޕްރެސް'ގައި އޮތް އިރު، އެ ރަސްމިއްޔާތު އޮންނާނީ 6 ޖަހާއިރު ކަމަށް 'ޓައިމްސް އޮފް އިންޑިއާ'ގައި ރިޕޯޓުކޮށްފައިވެއެވެ.