މިއަދު ފާހަގަކުރާ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ދިމާކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު، ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ފައްޓަވައިދެއްވައިފިއެވެ.

މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ ބިޔަ މަޝްރޫއެއް ހިންގަވާނެ ކަމަށް ރައީސް އިއުލާނުކުރެއްވީ ޔޫއޭއީގެ ދުބާއީގައި މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު ބޭއްވި ކޮޕް-28 ސަމިޓުގައެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގެ ރަށްތަކުގެ ވިލުންތެރިކަން އިތުރުކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ ކަމެއް ކަމަށާއި، އެގޮތުން، ރާއްޖޭގެ ކޮންމެ މުރަކައެއް، ކޮންމެ ވެލި ފުކެއް، ކޮންމެ މަހެއް، އަދި ކޮންމެ ރުކަކީވެސް އަގުހުރި އެއްޗެއްކަމަށާއި، އެއިން ކޮންމެ އެއްޗަކަށް ލިބޭ ކޮންމެ ގެއްލުމަކީ މުޅި އިގްތިސާދަށާއި މުޅި ގައުމަށްވެސް ލިބޭ އުނިކަމެއް ކަމަށެވެ.

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް މިއަދު ފެށީ ލޮނުޒިޔާރަތް ޕާކުގައެވެ. އިންދާފައިވަނީ ރާއްޖޭގެ މާހައުލުން ފެންނަ، ނަމަވެސް ނެތިދިއުމުގެ ބިރު ހީވެފައިވާ ގަސްގަހާގެއްސެވެ.

މި ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުންނާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްގެ ދެކަނބަލުންނާއި ވަޒީރުންނާއި މާލޭގެ މޭޔަރު އާދަމް އާޒިމްގެ އިތުރުން، ސަފީރުން ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

ސަރުކާރުން ނިންމާފައިވަނީ މި ޕްރޮގްރާމް، ރިސޯޓުތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ކުރިއަށް ގެންދިއުމަށެވެ