މި ސީޒަންގައި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއިން ވަކިވި އެގައުމުގެ ހުނަރުވެރި ފޯވަޑް ކިލިއަން އެމްބާޕޭ ސްޕެއިންގެ ރިއާލް މެޑްރިޑްއާ ގުޅިއްޖެއެވެ.
އެމްބާޕޭއާ ޕީއެސްޖީއާ ދެމެދު ހަދާފައިވާ އެއްބަސްވުން ހަމަވެ ފްރީ އޭޖަންޓެއްގެ ގޮތުގައި އޭނާ ސީޒަން ނިންމާލި އިރު އޭނާ ރިއާލްއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިކަން ކަށަވަރުކޮށް ދީފައިވަނީ ޓްރާންސްފާ ހަބަރުތައް އެންމެ ތާޒާކޮށް ގެނެސްދޭ ކުޅިވަރު ނޫސްވެރިއެއް ކަމަށްވާ ފެބްރީޒިއޯ ރޮމާނޯއެވެ.
އޭނާ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެމްބާޕޭ މިހާރު ވަނީ ރިއާލްއާއެކު ހުރިހާ ލިޔެކިއުމެއްގައި ސޮއިކޮށްފައިވާ ކަމަށާ އޭނާއަކީ މިހާރު ރިއާލްގެ ކުޅުންތެރިއެއް ކަމަށެވެ.
ފެބްރީޒިއޯ އިތުރަށް ބުނީ ރިއާލްއިން އެމްބާޕޭގެ ސޮއި ހޯދިކަން އިއުލާނުކުރާނީ އަންނަ ހަފްތާގައި ކަމަށެވެ. އަދި ޕީއެސްޖީއަށް ފަހު ރިއާލްއާ ގުޅެން އެމްބާޕޭ ނިންމީ މިދިޔަ ފެބްރުއަރީ މަހު ކަމަށް ވެސް ފެބްރީޒިއޯ ބުންޏެވެ.
އެމްބާޕޭ ގުޅުނު ކަން ރިއާލްއިން އަދި ހާމަކޮށްފައި ނުވާ އިރު އަންނަ ސީޒަންގައި ރިއާލްގެ ޓީމު އިތުރަށް ވަރުގަދަ ކުރާނެ ކަމަށް ބެލެއެވެ. ރޭ އެޓީމުން ވަނީ މިސީޒަންގެ ޗެމްޕިއަންސް ލީގު މުބާރާތުގެ ފައިނަލްގައި ޖާމަނީ ބޮރޫޝިއާ ޑޯޓްމަންޑް 2-0 އިން ބަލިކޮށް ރިކޯޑް 15 ވަނަ ފަހަރަށް އެތަށި އުފުލާލާފައެވެ.