ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ މެންބަރުކަން ފަލަސްތީނަށް ލިބުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

ޑަބްލިއުއެޗްއޯގެ މެންބަރުކަން ފަލަސްތީނަށް ލިބިފައި ވަނީ އިއްޔެ ބޭއްވި ބައްދަލުވުމުގައި ފަލަސްތީނަށް ޑަބްލިއުއެޗްއޯގެ މެންބަރުކަން ދިނުމަށް 101 ގައުމަކުން ތާއީދުކުރުމާ ގުޅިގެންނެވެ.

ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑަބްލިއުއެޗްއޯގެ މެންބަރުކަން ދިނުމަށް ނިންމި ނިންމުމަށް ރާއްޖެއިން މަރުހަބާ ކިޔާ ކަމަށެވެ. އަދި އެ ގަރާރަށް ތާއީދުކޮށް ވޯޓުދިން 101 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނޭކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ މިއީ ފަލަސްތީނަށް ދުނިޔޭގެ ތާއީދު އިތުރުވެފައިވާކަމުގެ ނިޝާނެއް ކަމަށެވެ. އަދި މި ގަރާރަށް ތާއީދުކުރަން ރާއްޖެއިން ނިންމީ، ފަލަސްތީނުގެ ރައްޔިތުންނަށް ދައުލަތެއްގެ ހައިސިއްޔަތު ނުލިބި އޮތް ހައްގު ހޯދައިދިނުމުގެ އިތުރުން ފަލަސްތީނަށް ބައިނަލްއަގްވާމީ ޖަމާއަތްތަކުގެ ފުރިހަމަ މެންބަރުކަމަށް ހޯދައި ދިނުމަށް ދިވެހި ރައްޔިތުން ވަރަށް ބޮޑަށް ތާއީދުކުރާތީ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ނިންމުމަކީ ހަމަޖެހުން ގާއިމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، އެ ގަރާރަކީ ރާއްޖެއިން ކޯ ސްޕޮންސާ ކުރި ގަރާރެއް ކަމަށެވެ. ޑަބްލިއުއެޗްއޯގެ މެންބަރުކަން ފަލަސްތީނަށް ދޭން ނިންމުމުން ހާމަވެގެން ދަނީ ފަލަސްތީނުގެ ހައްގުތައް ހޯދައިދިނުމަށް ދުނިޔޭގެ ގިނަ ގައުމުތަކުން ތާއީދުކުރާ ކަން ކަމަށް ވެސް ޒަމީރު ވިދާޅުވިއެވެ.