ސީދާ ދުންފަތުގެ އިސްތިއުމާލު ކުރުމުން ޖެހޭ ބަލިތަކުން ރާއްޖޭގައި ކޮންމެ 2 ދުވަހަކުން މީހަކު މަރުވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން އަންދާޒާކޮށްފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ޑަބްލިޔުއެޗްއޯއިން އަންދާޒާ ކުރާ ގޮތުގައި ރާއްޖޭގައި އެވްރެޖްކޮށް އަހަރެއްގެ މައްޗަށް 150 މީހުން ސީދާ ދުންފަތުގެ އިސްތިއުމާލުކުރުމުން ޖެހޭ ބަލިތަކުގައި މަރުވާ ކަމަށެވެ.
ރާއްޖެއަށް އަހަރު 400 މިލިއަން ސިނގިރޭޓު އެތެރެކުރާ ކަމަށާއި އެކަމަށް 1.8 ބިލިއަން ރުފިޔާ ހޭދަކުރާ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ޝީޝާގައި ބޭނުން ކުރާ ދުންފަތާއި އީ-ސިނގިރޭޓް އެތެރެ ކުރުމަށް އެތައް ލައްކަ ރުފިޔާއެއް އަހަރެއްގެ މައްޗަށް ހޭދަ ކުރާ ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ދުންފަތުގެ ސަބަބުން ޖެހޭ ބަލިތަކަށް ފަރުވާ ކުރުމަށް އާސަންދައިން ބޮޑު ހޭދައެއް ކުރާކަން ފާހަގަކޮށް އެޗްޕީއޭއިން ބުނީ ބަލިތައް ތަހައްމަލު ކުރާ ޒުވާން އާބާދީ ބޮޑުވުމުގެ ނަތީޖާއަކީ އެކަމުގެ ނޭދެވޭ އަސަރު ގައުމުގެ އުފެއްދުންތެރިކަމާއި ތަރައްގީއާއި އިގްތިސޯދަށް ވެސް ކުރުން ކަމަށެވެ.
އެޗްޕީއޭއިން ބުނީ ކުޑަކުދިންނާއި ޒުވާނުންގެ ސަމާކުކަން ދަމައިގަނެވޭ ގޮތަށް ސޯޝަލް މީޑިއާ އަދި ސްޓްރީމިއން ޕްލެޓްފޯމްތަކުގައި އިލެކްޓްރޯނިލް ސިނގިރޭޓާއި ނިކޮޓީން ޕައުޗް ފަދަ އުފެއްދުންތައް އިސްތިހާރު ކުރަމުންދިއުމާއެކު ޒުވާނުންގެ މެދުގައި މިތަކެތި އާންމުވެ މަގްބޫލުވެފައިވާ ކަމަށެވެ. އެގޮތުން އުމުރުން 15 އަދު 16 އަހަރުގެ މަދުވެގެން 37 މިލިއަން ކުދިންނަކީ ކޮންމެވެސް ވައްތަރެއްގެ ދުނަފްތުގެ ބާވަތެއް ބޭނުންކުރާ ކުދިން ކަމަށ ް2022 ވަނަ އަހަރުގެ ދުނިޔޭގެ ތަފާސް ހިސާބުތަކުން ދައްކާކަން އެޗްޕީއޭއިން ފާހަގަ ކުރެއެވެ.
މި އަހަރުގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ގޮތުގައި ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައި ވަނީ "ކުޑަކުދިން ދުންފަތުގެ ސިނާއަތުގެ ނުފޫޒުން ސަލާމަތްކޮށް ދަފަރާ ކުރުން" އެވެ. މިއީ ދުންފަތުގެ ސިނާއަތުގެ އަމަލުތަކުން ކުޑަކުދިންނާއި ޒުވާނުން ސަލާމަތްކުތުމަށް ހޭލުންތެރިކަން އިތުރުކޮށް މިކަމަށް ވަކާލާތުކުރުމަށް ބާރުއެޅުމުގެ ގޮތުން އެކުލަވާލާފައިވާ ޝިއާރެއްކަން އެޗްޕީއޭއިން ފާހަގަ ކުރެއެވެ.