ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)ގެ ހަތަރުވަނަ އިންޓަނޭޝަނަލް ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަތުމަށް، އެންޓީގާ އެންޑް ބާބިއުޑާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު މާލެ ވަޑައިގެންފިއެވެ.

މި މަހުގެ 27 ވަނަ ދުވަހު ބޭއްވި ސިޑްސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކިފާނު ބާބިއުޑާއަށް ފުރާ ވަޑައިގަތީ މި މަހުގެ 24 ވަނަ ދުވަހުއެވެ.

މި ކޮންފަރެންސްގެ ރިޔާސަތު ބެލެހެއްޓެވުމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންފައި ވާއިރު އެމަނިކުފާނު ވަނީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް މާލީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަގްވާމީ މުޖުތަމައުން ވައުދު ވެފައިވާގޮތަށް ކަންކަން ކުރިޔަށް ގެންދިއުމަށް ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް އިސްރާއީލުން ހިންގާ އަނިޔާވެރި އުދުވާނުތައް ކުށްވެރިކުރައްވައި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުން ފަލަސްތީނުގެ ރައްޔިތުންނާއެކު ތިއްބެވުމަށްވެސް ގޮވާލައްވާފައި ވެއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި މަހާސިންތާގެ އެކި ބަހުސްތަކާއި ގިނަ ސައިޑްލައިން އިވެންޓްތަކުގައި ބައިވެރިވެވަޑައިގެން އަދި ބައެއް ގައުމުތަކާއި ބައިނަލްއަޤްވާމީ އެކިއެކި ޖަމުޢިއްޔާ ޖަމާއަތްތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައި މަތީ ފަންތީގެ ބައިލެޓްރަލް އަދި މަލްޓިލެޓްރަލް ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންފައެވެ.

އަދި ހަމައެހެންމެ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ހަތަރުވަނަ ބައިނަލްއަގްވާމީ މަހާސިންތާގައި އެގައުމުތަކުގެ ހައްގުގައި ރައީސުލްޖުމްހޫރިއްޔާ ވަކާލާތުކުރެއްވިއެވެ. އަދި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ހާއްސަކޮށް ކުރިމަތިވާ ބައެއް ގޮންޖެހުންތައް އަލިއަޅުވާލައްވައި އެކަންކަމުން އަރައިގަތުމުގެ ގޮތުން ގެނެވިދާނެ ބައެއް ހައްލުތަކަށް ވެސް މި މިމަހާސިންތާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުތަކުގައި އަލިއަޅުވާލެއްވިއެވެ.

ސިޑްސްގެ މި ކޮންފަރެންސަކީ ކޮންމެ ދިހަ އަހަރަކުން އެއްފަހަރު ކުރިއަށްގެންދާ ކޮންފަރެންސެކެވެ. ހަތަރުވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސްގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ޕްރޮގްރާމް ފޯ އެކްޝަން އެޑޮޕްޓުކުރުން ނުވަތަ ސިޑްސްގެ ހަރަކާތްތައް މުސްތަގުބަލުގައި ކުރިއަށްގެންދާނެ ގޮތެއް އެކަށައެޅުމެވެ.

ސިޑްސް4 ގެ މި އަހަރުގެ ޝިއާރަކީ "ޗާޓިން ދަ ކޯސް ޓުވާޑްސް ރިސިލިއަންޓް ޕްރޮސްޕަރިޓީ"އެވެ. މި ޝިއާރާ އެއްގޮތަށް މި އަހަރުގެ ސިޑްސް ކޮންފަރެންސްގައި ތިމާވެށީގެ ގޮތުން ނާޒުކު އަދި ކުދި ގައުމުތަކަށް ފާގަތިކަމާއި، ވިލުންތެރިކަން ހާސިލްކުރުމަށް މަގުކޮށައިދިނުމަށް މުހިންމު މަސައްކަތްތަކެއް ކޮށްފައެވެ