ހަތަރުވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ކޮންފަރެސްގައި ބައިވެރިވެވަޑައިގަތުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ދަތުރުފުޅުގައި ޓްރާންސިޓްކޮށް ބާބެޑޯސްގައި މަޑުކޮށްލެއްވުމުން، އެ ގައުމުގެ ބޮޑުވަޒީރާއި ސަރުކާރުގެ ފަރާތްޕުޅުން ހާއްސަ މެހެމާންދާރީއެއް އަދާކުރައްވައިފިއެވެ.

ރައީސް މުއިއްޒަށް، ބާބެޑޯސްގެ ގްރާންޓްލޭ އެޑަމްސް އިންޓަނޭޝަނަލް އެއާޕޯޓުން މަރްހަބާ ދެންނެވީ، އެ ގައުމުގެ އެކްޓިން މިނިސްޓާ އޮފް ފޮރިންއެފެއާޒް އޮފް ފޮރިން އެންޑް ފޮރިން ޓްރޭޑް އަދި އެ ގައުމުގެ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރު، އޮނަރަބަލް ސީ. ސަންދްރަވީ ހަޒްބަންޑްސް އާއި، ޗީފް އޮފް ޕްރޮޓޮކޯލް، މިސް ރެސާ ލޭން އެވެ.

ބާބެޑޯސްގެ ސަރުކާރުން ވަނީ ރައީސް މުއިއްޒާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ދިވެހި ވަފްދުގެ ބޭފުޅުންނަށް އެއާޕޯޓް ސަރަހައްދުގައި ހުރި ބާބެޑޯސްގެ މުހިންމު ރީތި އަދި ތާރީހީ ތަންތަން ދައްކައިލެއްވުމުގެ "ސައިޓްސީން"އެއް އިންތިޒާމުކޮށްދީފައެވެ.

ބާބެޑޯސްގެ ބޮޑުވަޒީރު، މިއާ އަމޮރް މޮޓްލީ ވަނީ ރައީސް މުއިއްޒުއަށް ފޯނުން ގުޅުއްވައި، ޓްރާންސިޓްކޮށް އެ ގައުމުގައި މަޑުކޮށްލެއްވީތީ މަރްހަބާއާއި ޝުކުރު ދަންނަވައިފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުން ކުދި ޖަޒީރާ ގައުމުތަކަށް ކުރާ ނޭދެވޭ އަސަރުން ރައްކައުތެރިވުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް ކުދި ޖަޒީރާ ގައުމުތައް ގުޅިގެން މަސައްކަތްކުރުމާމެދު ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

ބާބެޑޯސްގެ ބޮޑުވަޒީރު ވަނީ ނިމިގެން މިދިޔަ ސިޑްސް ކޮންފަރެންސްގައި ރައީސް މުއިއްޒު އަދާކުރެއްވި މުހިންމު ދައުރު ފާހަގަކުރައްވާފައެވެ. ރައީސް މުއިއްޒު، ބާބެޑޯސްގެ ބޮޑުވަޒީރަށް ފޮނުއްވެވި ޝުކުރުގެ މެސެޖުގައި ވަނީ އެ ގައުމުން ފެނިވަޑައިގަތް ރީތިކަމަށް ތައުރީފުކުރައްވާފައެވެ.

ރައީސްގެ މެސެޖުގައި ސިޑްސް ކޮންފަރެންސްގައި ބައިނަލްއަގްވާމީ މާލީ އެހީތެރިކަމުގެ ނިޒާމު އިސްލާހުކޮށް، ކުދި ޖަޒީރާ ގައުމުތަކަށް ވެދޭ މާލީ އެހީ އިތުރުކުރުމަށް ބާރުއަޅުއްވާ ބާބެޑޯސްގެ ބޮޑުވަޒީރު ކުރެއްވި މަސައްކަތްޕުޅު ފާހަގަކުރައްވެވިއެވެ. އަދި އެންޓީގާ އެންޑް ބާބިޔުޑާގައި މި ބޭއްވުނު މަހާސިންތާގެ ނިންމުންތައް ތަންފީޒުކުރުމުގައި، ދިވެހިރާއްޖެއާއި ބާބެޑޯސް އިން އެއްބާރުލައިގެން، މި މަސައްކަތް ކުރަމުން ގެންދެވޭނެކަމަށް އުންމީދުކުރައްވާކަމަށްވެސް، ރައީސްގެ މެސެޖުގައި ވިދާޅުވެފައި ވެއެވެ.