ސަރުކާރުތަކުން އަމިއްލަ ފަރާތްތަކާއެކު އިތުރަށް ގުޅުން ބަދަހިކޮށް، އަމިއްލަ ވިޔަފާރީގެ ދާއިރާގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ފަހި މާހައުލެއް ގާއިމުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފިއެވެ.

ރައީސް މިކަމަށް އިލްތިމާސް ކުރެއްވީ "ދި ޕިވޮޓަލް ރޯލް އޮފް ޕްރައިވެޓް ސެކްޓާ ފައިނޭންސިން ފޯ ކްލައިމެޓް ރިޒިލިއެންސް" ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އިގްތިސޯދު ސިންދަފާތު ކުރެވޭނީ ވިޔަފާރީގެ އާންމު އުސޫލުތައް އަލުން މުރާޖައާ ކޮށްގެން ކަމަށެވެ. އަދި މިކަމަށްޓަކައި ސަރުކާރު ތަކުން އަމިއްލަ ފަރާތްތަކާއެކު އިތުރަށް ގުޅުން ބަދަހިކޮށް، އަމިއްލަ ވިޔަފާރީގެ ދާއިރާގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ފަހި މާހައުލެއް ގާއިމު ކުރަންޖެހޭ ކަމަށެވެ.

އަމިއްލަ ވިޔަފާރީގެ ދާއިރާއިން ތަރައްގީއަށް އަގު ނުކުރެވޭފަދަ މަސައްކަތް ތަކެއް ތަޖުރިބާއާ، އީޖާދީ ވިސްނުމާއި ގާބިލުކަމުގެ ގޮތުން ގެނެސްދޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިގްތިސޯދު ސިންދަފާތު ކުރުމާ ދިމާލަށް ދިވެހިރާއްޖެ އިން މިސްރާބު ޖަހާފައިކަން ހާމަކުރެއްވިއެވެ.

އެގޮތުން، އިންވެސްޓްމަންޓުގެ ގޮތުގައި އެއާޕޯޓުތައް ފަދަ ބިނާރުތަކާއި ސިއްހީ ވަސީލަތްތަކާއި މުވާސަލާތާއި ރިއަލް އެސްޓޭޓާއި ޓްރާންސް ޝިޕްމަންޓް ބަނދަރުތަކަކީ މިކަމުގެ ނާރެސް އަދި އިގްތިސޯދީ ކުރިއެރުމާއި މީހުން ކުރިއަރައި ދިއުމަށް ބޭނުންވާނެ ވަސީލަތްކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރަސްމާލެ ތަރައްގީ ކުރެވިގެން ދާނީ ޒަމާނީ، ދެމެހެއްޓެނިވި އަދި މޫސުމީ ބަދަލުތަކަށް ވިލުންތެރި މާހައުލެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން ރަސްމާލެއާއެކު ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް އަމާޒު ހިފާފައި ވާއިރު، އިގްތިސޯދީ ތަނަވަސްކަމަށް ދޮރުތައް ހުޅުވި، ތަނަވަސް ކަމާ އެކު ތަރައްގީގެ ފޮނިމީރުކަން އެންމެން ޝާމިލުވާހެން ލިބި، ދިރިއުޅުމުގެ ފަސޭހަތަކަށް މަގުފަހިވެގެން ދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން ރާއްޖެއަށް އެތެރެކުރާ ކާބޯތަކެއްޗަށް ބަރޯސާވުން ކުޑަކޮށް، ކާނާގެ ޔަގީންކަން ބޮޑުކުރުމަށްޓަކައި ދިވެހިރާއްޖެއިން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރުމަށް ފުރުސަތުތައް ހޯދަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ދަނޑުވެރިކަމުގެ ސިނާއީ ޕާކެއް ރާއްޖޭގައި ގާއިމު ކުރައްވާނެކަން ރައީސް އިއުލާނު ކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ސިޑްސްގެ ގައުމުތަކުގެ ތަރައްގީގެ ދަތުރުގައި ބައިނަލްއަގްވާމީ މުޖުތަމައުން ބައިވެރިވެ، ވަކިވަކި ގައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ތަރައްގީގެ ހުރަސްތަކަށް އެދެވޭ ހައްލުތަކެއް ހޯދައިދިނުމަށް މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.