ކޮންމެ އަހަރެއްގެ ވެސް ޖުލައި މަހުގެ 11 ވަނަ ދުވަހަކީ ބޮސްނިއާގެ މުސްލިމުންނާ ދެކޮޅަށް ޖުލައި 1995 ވަނަ އަހަރު ހިންގި ގަތުލުއާންމު ފާހަގަކުރާ ދުވަހެއް ގޮތަށް ހަމަޖައްސަން އދ. ގެ އާންމު މަޖިލީހުގައި ނެގި ވޯޓުގައި ރާއްޖެއިން ވަކި ކޮޅަކަށް ނުޖެހުނީ އިސްލާމީ ގިނަ ގައުމުތައް ހިމެނޭ ޖަމްއިއްޔާ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ވިސްނުމާ އެއްގޮތަށް ކަމަށް ސަރުކާރުން ބުނެފިއެވެ.
'ކަލްޗާ އޮފް ޕީސް'ގެ ދަށުން 'އިންޓަނޭޝަނަލް ޑޭ އޮފް ރިފްލެކްޝަން އެންޑް ކޮމެމޮރޭޝަން އޮފް ދަ 1995 ޖެނޮސައިޑް އިން ސްރޭބްރެނީސާ'ގެ ނަމުގައި ޖަރުމަނުވިލާތުން އިސް ނަގައިގެން އދ.ގެ އާއްމު މަޖިލީހަށް ހުށަހަޅާފައިވާ މި ގަރާރަށް ވޯޓު ނަގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ނަމަވެސް މި ގަރާރަށް ރާއްޖެއިން ވޯޓު ނުދިނުމުން ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ. މިކަމާ ގުޅިގެން ސަރުކާރުން ބުނީ އެ ގަރާރު މި ދަޑިވަޅުގައި ނެގުމުގެ އެއް ބޭނުމަކީ ފަލަސްތީނުގައި އިޒްރޭލުން ހިންގާ ގަތުލުއާންމުގެ ވާހަކަ އޮއްބާލުން ކަމަށާއި އެ ގަރާރަކީ އެ ކަމަށް ބޭނުންކުރާ އުކުޅެއްގެ ގޮތުގައި ބެލެވޭ ގަރާރެއް ކަމަށެވެ. އެހެންކަމުން ރާއްޖެއިން ފަލަސްތީނުގެ އަޑު ފަނޑުކުރަން ބޭނުންނުވާތީ އެ ގަރާރަށް ވޯޓު ނުދިނީ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
މީގެއިތުރުން ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ބޮޑެތި ގައުމުތަކުގެ ތަޅާފޮޅުމުގެ ތެރެއަށް ނުވަދެ ރާއްޖޭގެ މަސްލަހަތަށް އެންމެ ފައިދާވާ ގޮތަކަށް ސިޔާސަތުތައް ބެހެއްޓުން ކަމަށާއި، އިސްލާމީ ގިނަ ގައުމުތަކުން ވެސް މި ގަރާރާ ގުޅިގެން ވަކި ކޮޅަކަށް ވޯޓު ދީފައިނުވަނީ، މިކަމުގައި މިހާރު އުފެދިފައިވާ ސަރަހައްދީ ވާދަވެރިކަމުގެ ތެރެއަށް ވަދެ ބަސްބުނަން ބޭނުން ނުވާތީ ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު ވޯޓު ނެގި މި ގަރާރަށް ރާއްޖެ ހިމެނޭހެން 68 ގައުމަކުން ވަނީ ވަކި ކޮޅަކަށް ވޯޓު ނުދޭން ނިންމާފައެވެ. އަދި 3 ގައުމަކުން ވަނީ ގަރާރަށް ދެކޮޅަށް ވޯޓު ދީފައެވެ. އޯއައިސީގެ ބައެއް ގައުމުތަކުގެ އިތުރުން މި ގަރާރާ ދެކޮޅަށް ޗައިނާއިން ވޯޓުލާފައިވެއެވެ. މީގެ އިތުރުން އިންޑިޔާ، ލަންކާ، ނޭޕާލް، ބޫޓާން އަދި އެފްރިކާ ބައްރުގެ ގިނަ ގައުމުތަކުން ވެސް ވޯޓު ލާފައިވަނީ ދިވެހިރާއްޖެއާ އެއްގޮތަށެވެ.
މުސްލިމުން ތަކަކަށް ޤަތުލުޢާއްމެއް ހިންގައިގެން އެކަމާ ގުޅިގެން ވޯޓުދޭން ޖެހުނީމައި ބަޔަކު ހަދާގޮތް ހަދާކަށް ނުޖެހެއެވެ